ހދ ކައުންސިލުން ބެންކޮކަށް ދިއުމުން ފިޔަވަޅު އަޅަން އަންގައިފި

large_173322222913gfXv.jpg

ހދ. އަތޮޅު ކައުންސިލް: އެ ކައުންސިލުން ކުރި ދަތުރަކާ ގުޅިގެން ފިޔަވަޅު އަޅަން ވަނީ އަންގާފައި -- ފޮޓޯ/ މުހައްމަދު އަލީ

ހދ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް ކުރި ދަތުރުން އެ އަތޮޅުގެ ކައުންސިލްތަކަށް އެއްވެސް މަންފާއެއް ލިބިފައިނުވާތީ، އެ މައްސަލައިގައި ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައި ވާގޮތުން ހދ. އަތޮޅު ކައުންސިލްގެ އެދަތުރަށް ޖުމުލަ 952،885 ރުފިޔާ ޚަރަދުކުރިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، ހދ. އަތޮޅު ކައުންސިލްގެ ދަތުރުގައި އެ ކައުންސިލްގެ 14 މެންބަރުންގެ ތެރެއިން 13 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖްމަންޓުގެ ހަ މުވައްޒަފުންނާ އެކު ޖުމުލަ 20 މުވައްޒަފުން ދިޔަ ކަމަށެވެ. އެ ދަތުރުގައި 10 ދުވަސް ހޭދަކޮށްފައި ވެއެވެ.

ދަތުރުގެ މަގުސަދުގެ ގޮތުގައި ކައުންސިލުން ބުނެފައިވަނީ ބައިވެރިންނަށް ތަޖުރިބާ ހޯދުމާއި ކެޕޭސިޓީ އިތުރުކުރުމާއި އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑްގެ އިންވެސްޓަރުން ހޯދަން މަގުފަހިކުރުންކަމުގަ އެވެ. އަދި، ގުޑް ގަވަނަންސްއާއި ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވޮލޮޕްމަންޓްގެ ދާއިރާތަކުން ތަޖުރިބާ ހޯދުން ވެސް މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

”މި ދަތުރަކީ ކައުންސިލްގެ މަސައްކަތްތަކާ ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީކޮށް ފަންނުވެރިކަން އިތުރުކުރުމަށް ކުރެވުނު ދަތުރެއް ނަމަވެސް، ދަތުރު ނިމި އެއް އަހަރުގެ މުއްދަތެއް ދިޔައިރު، ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި މި ދަތުރުން ހޯދުނު ތަޖުރިބާ އާއި ފަންނީ ކުރިއެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަން ފާހަގަ ކުރަމެވެ.“ އެ ރިޕޯޓުގައިވެ އެވެ.

އަތޮޅުގެ ތަރައްގީއަށް ފައިދާކުރާނެ ކަންކަމަށް ޚަރަދުކުރުމުގެ ބަދަލުގައި މިދިޔަ އަހަރު ހދ. އަތޮޅު ކައުންސިލަށް ލިބުނު އާމްދަނީއާއި ދައުލަތުގެ މާލިއްޔާއިންދޭ ބްލޮކް ގްރާންޓުން ދިން ފައިސާގެ ބޮޑުބައެއް މި ދަތުރަށް ޚަރަދުކުރި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ދަތުރުގެ ސަބަބުން ، ދަތުރުތަކަށް ކައުންސިލްގެ ބަޖެޓުގައި މިދިޔަ އަހަރު ކަނޑައެޅި 651،572 ރުފިޔާއަށް ވުރެ ގިނައިން ދަތުރުތަކަށް ޚަރަދުކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެން އެ ޚަރަދު ކުރިއިރު ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ގޮތަށް ސަޕްލިމެންޓަރީ ބަޖެޓެއް ހަދާފައި ނުވާކަމަށާއި ރަސްމީ ދަތުރުތައް ކުރާއިރު މާލީ ވުޒާރާއިން ހުއްދަ ހޯދަންޖެހުނު ނަމަވެސް، އެ ހުއްދަ ވެސް ހޯދާފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެހެންވެ، ހދ. އަތޮޅު ކައުންސިލުން މި ދަތުރު ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށް ވާތީ، ކައުންސިލްގެ ހަރަދުތަކަށް ޒިންމާވާ ފަރާތަށް ފިޔަވަޅު އަޅަން އޮޑިޓް އޮފީހުން ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top