ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީވެދޭ “ޓޮބޭކޯ ސިޒޭޝަން ކްލިނިކް”ތައް ހުރިހާ ރަށެއްގައި ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ރައީސް އެގޮތަށް ނިންމެވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ.
މީގެއިތުރުން، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއާގެ ޚިދުމަތެއްގެ ގޮތުގައި ސެސޭޝަން ޚިދުމަތް ދިނުމަށް ރައީސް ހަމަޖައްސާފައި ވާކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، ރައީސް ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ތައާރަފުކުރައްވާފަ އެވެ. އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނޭއިރު، މީގެ ސަބަބުން ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.