މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު އަހްލާ އަށް

photo_6163436399890646386_y.jpg

އައުޝަތު އަހްލާއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ދެއްވަނީ. — ފޮޓޯ | ރައީސް އޮފީސް

އެކި ގޮތްގޮތުން ރާއްޖެއަށް ފަހުރުވެރި ނަން ހޯދައި ދިން ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ބ. އޭދަފުށި އެތުމާގޭ ޢާއިޝަތު އަހްލާ އަށް ލިބިވަޑައިގެންފި އެވެ.

މި އިނާމު ދެއްވީ މަތީ ދަރަޖަ އާއި ޝަރަފުގެ ވަނަތަކާ އެކު އެކި ގޮތްގޮތުން ރާއްޖެއަށް ފަހުރުވެރި ނަން ހޯދައިދިން ފަރާތްތަކުގެ އަގު ވަޒަންކުރުމުގެގޮތުން ރޭ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

މި އަހަރުގެ ޚާއްޞަ އިނާމު 40 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ.

އަހްލާ މި އިނާމު ލިބިވަޑައިގެންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2022 ވަނަ އަހަރު ބެޗްލަރ އޮފް ޓީޗިންގ އެރަބިކް ލޭންގުއޭޖް ކޯސް ފުރިހަމަކުރައްވައި، އެ ކޯހުން އެއް ވަނަ ހޯއްދަވައި، “ކޯހުން 1 ވަނަ ދަރިވަރުގެ އެވޯޑު” ހާސިލުކުރެއްވުމުންނެވެ.

ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި، ހަނދާނީ ލިޔުމެކެވެ.

އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 2 ބޭފުޅަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 38 ބޭފުޅަކު ހިމެނެއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވަނީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 53 ބޭފުޅަކަށް ވެސް އެވޯޑު ދެއްވައިފަ އެވެ. މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި 163 ބޭފުޅަކަށް އެ އެވޯޑު ދެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top