އާބަން ސެންޓަރުތައް ގާއިމުކުރާ ހަތް ރަށުގެ ތެރޭގައި އޭދަފުށި

large_172519818339A6q0.jpg

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އާބަން ސެންޓަރުތައް ގާއިމުކުރާ ހަތް ރަށުގެ ތެރޭގައި ބ. އޭދަފުށި ހިމަނައި އެހަތް ރަށް މިއަދު އިއުލާނު ކޮށްފި އެވެ.

ރާއްޖޭގައި ހަތް އާބަން ސެންޓަރު ގާއުމު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރަން ރައީސް ކަނޑައަޅުއްވާފައިވާ ހަތް ރަށުގެ ލިސްޓު އާންމުކޮށްފައެވެ. އޭދަފުށީގެ އިތުރުން އެއީ ރ.އުނގޫފާރު، ޅ.ނައިފަރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، އަދި ލ.ފޮނަދޫ އެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ހަތް އާބަން ސެންޓަރުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްގީ ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި އާބަން ސެންޓަރެއް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މި ސިޔާސަތަކީ، ރައީސް މުއިއްޒުގެ ގެދޮރުވެރި ކުރުމާއި އާބަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން ގާއިމްކުރާ ތަންތަނެވެ.

ބޭނުމަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ހިދުމަތްތައް ލިބޭގޮތް ހެދުން ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އާބަން ސެެންޓަރުތައް ގާއިމުކުރުމާ ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅައި، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެގޮތުން ބިލު ދިރާސާ ކުރަމުން އަންނަނީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ.

އެ ބިލާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު އެޕާޓީން ބުނަމުން ދަނީ އެ ބިލް ފާސްކުރުމުން ކައުންސިލްތަކުގެ ބާރު ކެނޑި، ކަތީބު ނިޒާމަކަށް ރުޖޫއަވާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top