ރާއްޖޭގެ ތައުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބަކީ ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ ބޭޭފުޅުންނަށް ދައުލަތުން ދެއްވާ އެންމެ މަތީ ޝަރަފެވެ.
ޑރ. ޒާހިރު ހުސައިނަށް މި ޝަރަފް އެރުވުމަށް ރައީސް ނިންމެވީ، ރާއްޖޭގެ ތައުލީމީ ތަރައްގީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާސްތެރިކަމާއެކުގައި، ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. ޒާހިރު ހުސައިނަށް މި ޝަރަފު އެރުވުން އޮންނާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާ ގައެވެ.
ޒާހިރު ވަނީ ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވައިފައިވެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެއްޓެވި އަސާސީ ތައުލީމްގެ ޕްރޮގްރާމް ހިންގެވުމުގައިވެސް ޒާހިރުވަނީ އެންމެ އިސްދައުރު އަދާކުރައްވާފައެވެ.
މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދެއްވުންވެސް އޮންނާނެ އެވެ. މި އަހަރު އިނާމު 40 ބޭފުޅުންނަށް ލިބިވަޑައިގަންނަވައެވެ.
އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެކަމަށް ހޮވާފައިވާ ޚާއްސަ އިނާމާ ބެހޭ ކޮމިޓީންނެވެ. މީގެ އިތުރުން ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުވެސް އެ ޖަލްސާގައި 53 ބޭފުޅަކަށް ދެއްވާނެ އެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.