އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ބަޖެޓް ކުޑަކޮށްފައިވާ ކަމަށްބުނެ އިދިކޮޅު އެމްޑީޕީ އިން ނުރުހުން ފާޅުކޮށްފި އެވެ.
އަންނަ އަހަރަށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބެޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، ކައުންސިލްތަކަށް ބްލޮކް ގްރާންޓަށް ދިނުމަށް ހިމަނާފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، މިއަހަރަށް ކަނޑައަޅާފައި އޮތް ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓަށް 2.2 ބިލިއަން ދޭން ހިމަނާފައިވެ އެވެ. އެހެންކަމުުން އެއީ ގާތްގަނޑަކަށް 1.8 ބިލިއަން މަދު އަދަދެކެވެ.
މިކަމާ ގުޅިގެން ބައެއް ކައުންސިލަރުންނާއި އިދިކޮޅުން ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، ދުރާލާ އެއްވެސް އިޝާރާތެއް ނެތި ކައުންސިލްތަކުގެ ބްލޮކް ގްރާންޓު ކުޑަކުރުމަކީ ކައުންސިލްތަކަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ވިދާޅުވެފަ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ދައުލަތުގެ ބަޖެޓްގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ހަމަޖެހިފައިވާ އިރު، އަދި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާ އިރު، ކައުންސިލްތަކަށް ލިބެންވާ އަދަދުގެ ތެރެއިން ތިންބައިކުޅަ އެއްބައި މަދުވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
”ކައުންސިލްތަކަށް ގާނޫނުން ކަނޑައެޅިފަވާ ބަޖެޓްގެ ފަސް ޕަސެންޓް ސަރުކާރުން ދިރުވާލާ އިރު، އަދި ރަށްވެހި ޚިދުމަތްތައް ހުއްޓެންދާ އިރު ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރާނެ ކަމަށް ބުނި މަޖިލިސް މެމްބަރުންތައް ހައްގު ބަސް ނުބުނެވި ގަނޑުވެފަ ކަތީބުންގެ ސިފައިގައި ފިތިފައި ތިބުމަކީ ލަދުވެތި ކަމެއް.“ އޭނަ ވިދާޅުވި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ގާނޫނު، ވުޖޫދުން ފޮހެލަންކަން، ސަރުކާރުގެ އަމަލުތައް ހުރިގޮތުން ދޭހަވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތް ދިނުމަށް، ބަޖެޓްގައި ހިމަނާފައިވާ ފައިސާ އުނިކުރުމުގެ ބާރު، ސަރުކާރަށް ނޯންނާނެ ކަމަށާއި މި ފަދަ ކަންކަން އިސްލާހު ކުރުމަށް ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ނިމިދިޔަ 19 ވަނަ މަޖިލީހުގައި ލާމަރުކަޒީ ގާނޫނަށް މުހިންމު ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިނިވަންކަމާ އެކީގައި ކައުންސިލްތައް ހިންގޭނެ ހުރިހާ ގޮތަކަށް ގާނޫނުން ކައުންސިލްތަކަށް މުތުލަކަގަށް ބާރު ދީފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި ކަނޑައެޅޭ މިންވަރެއް ގާނޫނުގެ ތެރެއިން ދޭންޖެހޭނެ ކަމަށް ވަރަށް ސާފުކޮށް އެވާހަކަ ލިޔެފައި އޮންނާނެ ކަމަށާއި ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުގެ 5 އިންސައްތަ ދޭންޖެހޭނެ ވާހަކަ ލިޔެފައި އޮންނާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ބަޖެޓުގައި ހިމަނަނީ އެ އަހަރަކަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ މިންވަރުގެ މަދުވެގެން %5 އެވެ.