އޭދަފުށީ ”ވެސްޓްވިންގްސް “އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން އޭދަފުށީގެ 55 ކުއްޖަކަށް ބައިސްކަލް ހަދިޔާކޮށްފި އެވެ.
އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ 55 ކުދިންނަށް ބައިސްކަލް ހަދިޔާކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު އޭދުފުށީ ވެސްޓް ވިންގްސްޕާކް ސަރަހައްދުގައެވެ.
ވެސްޓް ވިންގްސްއިން ވަނީ ތިމާވެއްޓާއި ރައްޓެހި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ ބައިސްކަލް ފަދަ ހަދިޔާއެއް ފޯރުކޮށްދިނުމަށް އެހީތެރިވެދެއްވި ކަމަށްޓަކާ ބީއެމްއެލްއަށް ޝުކުރު އަދާކޮށްފައެވެ.
ވެސްޓް ވިންގްސް ޖަމިއްޔާއަކީ އޭދަފުށީ ހުޅަނގުކޮޅުގެ ޒުވާނުން ކޮޅެއް އެކުވެގެން 2017 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ. ކުޅިވަރުގެ އިތުރުން އެ ޖަމިއްޔާއިން އަންނަނީ ކޮމިޔުނިޓީ އާ ގުޅުންހުރި ހަރަކާތްތައްވެސް ހިންގަމުންނެވެ. އެގޮތުން އޭދަފުށީގެ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ބީއެމްއެލްގެ އެހީއާއެކު އެ ޖަމިއްޔާއިން ވަނީ ކޮމިއުނިޓީ ޕާކެއްވެސް އޭދަފުށީގައި ތަރައްގީކޮށްފައެވެ.