ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެވުޒާރާއިން ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި މަސްވެރިންނަށް އެވޯޑް ދިނުމަށް ނިންމާފައއެވެ. އެގޮތުން މަސްވެރިކަމުގެ ތިން ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވެއެވެ.
ފުރަތަމަ ދާއިރާ އަކީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް) ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) އަށް ވެސް އެވޯޑް ދޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު ވެސް ދޭނެ ކަމަށެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު އެ ވުޒާރާގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާފައިވާ ކަމަށާއި އެވޯޑަށް އެދި ހުށަހަޅާ ފޯމް އީމެއިލް އަށް ފޮނުއްވުން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.