އޭދަފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ ފުޓުބޯޅަ މުބާރާތް، ‚އޭދަފުށީ ކަޕް 2024“ މިމަހު 25 ގައި ފެށުމަށް ނިންމައި މިރޭ ގުރުއަތުލުން އޮންނާނެކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
ގުރު ނެގުން އޮންނާނީ މިރޭ 8:45 ގައި އޭދަފުށީ މަލްޓީ ޕާޕަސް ހޯލުގަ އެވެ.
ފަސް ޓީމަކުން ވާދަކުރާ މި މުބާރާތުގައި ބައިވެރި ވަނީ ހުސް ސޮންގުން ފުޓްބޯޅަ ޓީމާއި، ވެލާ ސްޕޯޓްސް ކްލަބް، އިރުމަތި އެފްސީ، ކައްކަނީ ސްޕޯޓްސް ކްލަބް އަދި ވީ ވެލާ އެވެ.
އޭދަފުށީ ކައުންސިލުން އޭދަފުށި ކަޕް ބާއްވަން ފެށީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް އަންނަނީ މުބާރާތް ބާއްވަމުންނެވެ.
މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ހުސް ސޮންގުންނެވެ. އޭގެކުރީ ދެ އަހަރު ޗެމްޕިއަންކަން ހޯދީ އެމްވީ ޔުނައިޓެޑެވެ. މިއަހަރުގެ މުބާރާތުގައި އެމްވީ ޔުނައިޓެޑް ވާދައެއް ނުކުރެ އެވެ.
އޭދަފުށި ކަޕްގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.






