ބައެއް ރަށު ކައުންސިލްތަކުން ބިދޭސީންގެ ދުވަހު އުޖޫރަ ކަނޑައަޅައިފި

452560447_892982582857219_7760169019819412771_n.jpg

ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކުން، އެރަށްރަށުގައި އުޅޭ ބިދޭސީން ކުރާ މަސައްކަތަށް ދުވަހުގެ އުޖޫރަ ކަނޑައަޅައިފި އެވެ.

އެގޮތުން ގދ.ގައްދޫ ކައުންސިލުން މިހާރުވަނީ އެރަށުގައި ބިދޭސީން ކުރާ މަސައްކަތަށް ދުވަހުގެ އުޖޫރަ ކަނޑައަޅައިފަ އެވެ.

ގައްދޫ ކައުންސިލްގެ ރައީސާ ހަދީޖާ އަހުމަދު އަޒާލް ވިދާޅުވީ އެ އުސޫލު ހަދަން ޖެހުނީ ބިދޭސީން ބޮޑު އަގުގައި ދުވަހު މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

އެ ރަށު ކައުންސިލުން ބުނީ ދުވަހު އުޖޫރަ ކަނޑައެޅީ ލާމަރުކަޒީ ގާނޫނުގެ 148 ވަނަ މާއްދާ އާއި 149 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ އުސޫލުތަކާ އެއްގޮތަށް ކައުންސިލުން ފާސްކޮށްފައި ކަމަށެވެ.

ގައްދޫ ކައުންސިލުން ކަނޑައެޅި ބިދޭސީންގެ ދުވަހު އުޖޫރަ އުސޫލުގައިވާ ގޮތުން ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރެއިން ރާނައި ސިމެންތި ޖެހުމުގެ މަސައްކަތުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ 300ރ. ކަމަށެވެ. އަދި އެ ދާއިރާގެ އެހެން މަސައްކަތުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ ދުވާލަކަށް 250ރ. އެވެ.

ނަރުދަމާ ޖަންކްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޮނުން ފަދަ މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ އަކީ ވެސް އެއީ އެވެ. މީގެ އިތުރުން ފައިބަރު މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ 300ރ. އެވެ.

ގައްދޫ ކައުންސިލުން ބުނީ އުސޫލުގައި ބަޔާންކޮށްފައި ނުވާ މަސައްކަތްތަކަށް ދުވާލަކަށް ކެއުމާ އެކީ ކޮންމެ މީހަކަށް ދެވޭނީ 250ރ. ކަމަށެވެ.

ގިނަ ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަމިއްލަ މަސައްކަތްތައްކޮށް ވަރަށް ބޮޑު އާމްދަނީއެއް ހޯދައެވެ. ނަމަވެސް ގާނޫނު ބުނާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންނަށް ކުރެވޭނީ އޭނާއަށް ހުއްދަ ދީފައިވާ ތަނުގައި ހުއްދަ ދީފައިވާ މަސައްކަތެކެވެ. ރަށުތެރެއިން މަސައްކަތް ހޯދައިގެން ދުވަހު މުސާރައަށް މަސައްކަތް ކުރުމަކީ ގާނޫނާ ޚިލާފު ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top