ފަރުޟު ފަސް ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުންވާ ކަމަށާއި ފަތިހު ހޭލާ ދިވެހި ގައުމަކާއި ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާ އެކު އުޅޭ ދިވެހި ގައުމެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ މިސްކިތްތަކަށް އިހުގައި ކުރި އިހްތިރާމު އަލުން ގެންނަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.
”އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިހުސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިހުތިރާމު އަލުން ގެންނަން ބޭނުން.“ ރައީސް ވިދާޅުވިއެވެ.
އެއާއެކު ކުރިން ފަތިހުގެ މުލުހާލާއި، ކޮވެލީގެ އަޑަށް މުޅިރަށް ތެދުވެ، ފަތިސް ނަމާދުކޮށް މަސައްކަތުގައި ހޭލަމޭލަވެގަންނަ ކަމަށާއި ކާބަފައިން، ދުވަސް ފަށަނީ ފަތިސް ނަމާދުގެ ބަރަކާތުން ކަމަށެވެ.
އަދި ދެން އޮތްބައި ފުރަނީ ދިރިއުޅުމުގެ ހަރަކާތް ތަކުގައި ކަމަށާއި ދުވަސް ނިންމަނީ މަޣުރިބް ނަމާދާއި، އިޝާނަމާދާއި ވިތުރިން ކަމަށް ރައީީސް ވިދާޅުވިއެވެ.
ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަ ކުރުމުގައި، މި ރޫހު ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ކަމުގައިވެސް ދިވެހީންގެ ވަރަށް ކައިރި ތާރީޚު ދައްކަނީ އާދަޔާ ޚިލާފު ރީތި ނަމޫނާއެއްކަން ކަމަށެވެ.