ގެދޮރުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ އޭދަފުށިން ގޯތި ނުވަތަ ފްލެޓް ދިނުން ލަސްވަމުން ދާތީ ރައްޔިތުން ރަތަށް އަރައި ސިލްސިލާ މުޒާހަރާތަކެއް ކުރެވެމުން ދާއިރު އޭދަފުށީ ކައުންސިލުގެ ހަތަރު މެންބަރުން ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް މިއަދު މާލެ ހިނގައްޖެއެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ މިއީ ގޯތީގެ ކަންތަކަށް ވުރެ ބޮޑަށް ފްލެޓް ގެ ކަންތަކުގައި މަޝްވަރާ ކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.
”އަޅުގަނޑުމެން ފްލެޓްވެސް އަޅަން އެބަޖެހޭ. ގޯތިވެސް ދޭން އެބަޖެހޭ. ސަރުކާރުން ފްލެޓްތައް އަޅާ ކޮންސެޕްޓް ސީދާ ރަސްމީކޮށް ހޯދަން ބޭނުންވާތީ އެކަމަށް މަޝްވަރާ ކުރުމަށް މިނިސްޓަރާ ބައްދަލު ކުރުމަށް މިއައީ. 1 ޖަހާއިރު ބައްދަލު ވުން ހަމަޖެހިފައި ވަނީ.“ ހައުސިންމިނިސްޓރްީގައި އިންނަވައިގެން ފާތިހު ވިދާޅުވިއެވެ.
ފާތިހު މިއަދުވެސް ތަކުރާރު ކުރެއްވީ ގެވަޅުތައް ބަރާބަރަށް އޭގެ ހައްގުވެރިންނަށް ދޭނެ ކަމުގައެވެ.
”އެއަކަށް ބަދަލެއް ނާންނާނެ. ކުރިންވެސް ހަމަޖެހިފައި އޮތް ގޮތަށް 183 ގޯތި ދޭނެ. ބުނަން މިއުޅޭ އެއްޗަކީ މިސާލަކަށް ފުލެޓް އަންނަ ސަރަހައްދުން އެތަނުން އެހެން ތަނަކަށް ގެވަޅު މޫވްކުރަން އެބަ. ކުރީރޭ ވެސް އެކަމަކާ ހުރެ ޚިޔާލު ތަފާތުވެގެން ދިޔައީ. އަދި އެއީ ރަސްމީ ބަހެއްނެތި ކޮންޓްރެކްޓަރު އަޅުގަނޑުމެންނާ ހިއްސާ ކުރި ޕްލޭނެއް ކަމަށް ވާތީ.“
ފާތިހު ވިދާޅުވީ މުޅި ކައުންސިލުގެ އުއްމީދަކީ އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން އަވަސްކުރުމުގެ މަސައްކަތް ކަމުގަ އެވެ. ހައުސިން މަޝްރޫއަކީ ސަރުކާރުގެ މަޝްރޫއަކަށް ވިޔަސް ދެކަންވެސް މުހިއްމު ކަމަށް ކައުންސިލުން ދެކޭ ކަމަށް ފާތިހު ވިދާޅުވިއެވެ.
ގޯތީގެ ކަންތަކުގެ މަޝްވަރާއަށް އޭދަފުށީ ކައުންސިލުގެ ހަތަރު މެންބަރުން މިއަދު ހައުސިން މިނިސްޓަރާ ބައްލުކުރުމަށް ގޮސްފައިވާއިރު އޭދަފުށިން ގޯތި ދިނުން ލަސްވެގެން ރައްޔިތުންގެ ތެރެއިން ބަޔަކު އަންނަނި ކޮންމެ ރެއަކު ރަށުގެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިރޭވެސް މުޒާހަރާ ކުރިއަށް ދާނެކަމަށް މުޒާހަރާ ރާވާ ފަރާތުން މައުލޫމާތު ދެއްވި އެވެ.