ދަރަނި ބޮޑުވެ އަމިއްލަ ފައި މައްޗަށް ނުތެދުވެވޭ ހާލުގައި އޮތް ސަރުކާރުގެ ފެނަކަ ކުންފުނި، މިއަހަރު ނިމުމުގެ ކުރިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަމަޖެއްސެވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން އެ ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަރު ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓް ކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް މުއިއްޒު ނިންމަވާފައި ވަނީ ފެނަކައިގެ ސައްތައިން ސައްތަ ހިއްސާ އެސްޓީއޯއިން ގަތުމަށެވެ. މިގޮތަށް ނިންމީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަން މި އަހަރު ނިމުމުގެ ކުރިން ނިންމަން ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނައުމަށްޓަކައި އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި އެސްޓީއޯ ގުރޫޕުގައި އަމަލު ކުރަމުން އަންނަ ގޮތަށް ހިންގުން ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބު ކުރުމުގެ ފުރިހަމަ ބާރު އެސްޓީއޯއަށް ދީފައިވާ ކަމަށެވެ.
އެ ބަދަލުގެ ތެރެއިން ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު ވެސް އެސްޓީއޯއަށް ދިނުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ. ނަމަވެސް އެކަން ކުރާއިރު، ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް ވީވަރަކުން މުވައްޒަފުން ވަކިނުކޮށް އެހެން ތަންތަނަށް މުވައްޒަފުން ބަދަލު ކުރެވޭނެ ގޮތްތަކެއް ބެލުމަށް ރައީސް އިލްތިމާސް ކުރައްވާފައިވެ އެވެ.
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ފިނޭންސް މިނިސްޓަރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އިތުރުން އެސްޓީއޯގެ އިސް ބޭފުޅުން ހިމެނޭ ކޮމެޓީއެއް ހެދުމަށް ވެސް ރައީސް ނިންމަވާފައި ވެއެވެ.