ފްލެޓް މަޝްވަރާ ބައްދަލުވުން، ބޮޑުދޮރުގައި ބޮޑުތަޅު އަޅުވާ ހިސާބަށް

viber_image_2024-08-23_20-56-29-214.jpg

އޭދަފުށީގައި ފްލެޓް އެޅުމާ ބެހޭގޮތުން ރައްޔިތުންނާ މަޝްވަރާ ކުރުމަށް ރޭ ބަހިއްޔާ ޕްރީސްކޫލްގައި ބޭއްވި ބައްދަލުވުން ހޫނުވެގެން އެންމެ ފަހުން އެތަނުން ކައުންސިލަރުން ނެރެންޖެހުނީ ފުލުހުން މެދުވެރިވެގެން ކަމަށް އީވީއަށް އެނގިއްޖެއެވެ.

އޭދަފުށި ކައުންސިލުން ރޭ ރައްޔިތުންނާ ބައްދަލު ކުރީ އޭދަފުށީގައި 1000 ހައުސްޔުނިޓް އެޅުމާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަށެވެ. އެކަމަކު ރަށުން ގޯތި ބޭނުންވެގެން އެކަމަށް ޝަރުތު ހަމަވާ 580 މީހުންގެ ފޯމުތައް ޗެކް ކުރުމުގެ މަރުހަލާގައި އޮއްވާ، އެވާހަކަ މި ބައްދަލުވުމުގައި ނުދެއްކޭނެ ކަމަށް ފުރަތަމަވެސް ވަނީ ބުނެފައެވެ. އަދި މިއީ މިރަށުގެ ހައުސިން ސްކީމާ ބެހޭ ގޮތުން ކައުންސިލަށް ލިބިފައިވާ ދެ ޕްލޭނަކާ ބެހޭ ގޮތުން ބާއްވާ ބައްދަލުވުމެއްކަން ފަސްދޮޅަހަކަށް މީހުން ބައިވެރިވި މި ބައްދަލުވުމުގައި ކައުންސިލުން ހަނދާން ކޮށްދެއްވި އެވެ.

”ކައުންސިލުން އައީ 1000 ހައުސިން ޔުނިޓް އަޅާނެ ގޮތުގެ ދެ ޕްލޭން ހިފައިގެން. ޕްލޭން އޭއަކާއި ބީ އެއް. އެދެއްކުމަށްފަހު ބުނީ ތިމަންނަމެން ނިންމާފައޭ އޮތީ ޕްލޭން އޭއަށް. އޭގަ މި އޮންނަނީ އެއް ސަރަހައްދުގައި 1000 ފްލެޓް އެޅުމުގެ ބަދަލުގައި އެތައް ތަނެއްގައި އަޅާ ގޮތަށް. އެކަމަށް އެއްބަޔަކު ތާއީދުކުރީ ރަށުގެ ކުރީގެ ފުޓްބޯޅަ ދަނޑު ހިއްކި ތަނަށް ބަދަލުކޮށް އެ ތަނުގައިވެސް ބައެއް ފްލެޓްތައް އަޅާގޮތަށް. އެކަމަކު ކައުންސިލުން އެކަން ގަބޫލެއް ނުކުރި. ކައުންސިލުން ބޭނުންވީ ކައުންސިލުން ނިންމާފައިވާގޮތަށް ރައްޔިތުން އާއެކޭ ބުނުވަން. އެކަންވެސް ރައްޔިތުނަށް މޭރުންވާހެން ކިޔައެއް ނުދެވުނު. ބޭކާރު ވާހަކަތަކުގައި ވަގުތުތައް ނަގާލައި އެންމެ ފަހުން ބުނީ މިހިސާބުން ޖަލްސާ ނިމުނީއޭ“ ޖަލްސާ ގައި ބައިވެރިވި މީހަކު ކިޔައިދެއްވިއެވެ.

މައްސަލަ ހޫނުވީ އެހިސާބުންނެވެ. އެތަނުން ނުކުންނަ ދޮރު ބަންދުކޮށް ދޮރުގައި ތަޅު އަޅުވާ ހިސާބަށް ދިޔައީ އެހިސާބުންނެވެ. ރައްޔިތުން ބޭނުންވީ ކައުންސިލުން ނިންމިގޮތް ސާފުކޮށް ދެއްވުމަށެވެ.

އަދި އެކަން ސާފުކޮށް ނުދެނީސް ކައުންސިލަރުންނަށް މިއިމާރާތުން ބޭރަށް ނުނުކުމެވޭނެ ކަމަށް ބުނެ އިމާރާތުގެ މައި ދޮރުގެ ކުރިމައްޗަށް ގޮޑިތައް ގެންގޮސް މާލަން ބަންދު ކުރީއެވެ.

އެންމެ ފަހުން މައްސަލަ ހައްލުކުރަން ޖެހުނީ ފުލުހުންގެ އެހީތެރިކަން ހޯދާށެވެ.

ހަގީގަތުގައި މިބައްދަލުވުމުގައި ބައިވެރިވި މީހުން ރުޅި އައީ އެމީހުންގެ ސުވާލު ތަކަށް ފުރިހަމަ ޖަވާބެއް ނުދިނުމުންނެވެ.

”ފުރަތަމަ ކަމަކީ އެބުނާ ޕްލޭން އޭ އާއި ބީއަކީ ކޮންތާކުން ކާކު ފޮނުވި އެއްޗެއްތޯ އޮޅުން ފިލުވައެއް ނުދެއްވުނު. ދެވަނަ ކަމަކީ މިނިސްޓްރީން ގުޅާފަ ބުނި ބުނުމަކަށް އެއްވެސް ލިޔެކިއުމެއް ނެތި ދައްކާލާ ވާހަކަ ތަކަކުން ނިންމާނުލެވޭނެ ގާނޫނީ މައްސަލަ އެއް މީ. ފްލެޓް ގެ އެބުނާ އޭ އާއި ބީ ޕްލޭނަކީވެސް ސަރުކާރުން ކަމާބެހޭ މިނިސްޓްރީން ފޮނުވި އެއްޗެއްކަމެއް ނޫނޫ އެހެން ފަރާތަކުން ފޮނުވި އެއްޗެއްކަންވެސް ސާފުކޮށެއް ނުދިން. ހަމަގައިމުވެސް އޭގައި ރަސްމީ ހައިސިއްޔަތެއް ނެތް.“ބައްދަލުވުމުގެ އެހެން ބައިވެރިއަކު ކިޔައިދިނެވެ.

އެހެންމީހަކު އޭނާގެ ޝުއޫރު ފާޅުކުރީ މިގޮތަށެވެ.

”އަހަންނެކޭ އެއްފަދައިން އެތައް ބަޔަކު ބުނި، ގޯތި ދޭން ކަނޑައަޅާފައިހުރި ބިމަކަށް އެއްވެސް ފްލެޓެއް އަރާ ކަމަށް ވާނަމަ އެޕްލޭނަކަށް އެއްބަހެއް ނުވެވޭނެއޭ. އެކަމަކު އެއަޑުވެސް ކައުންސިލަރުން ނޭހި. ބައްދަލުވުން ހޫނުވި ސަބަބެއް އެއީވެސް “

ސަރުކާރުން ގަރުދިޔަ ބަތްކާށާއި ހިތި ބޯސް ބޯން ފަރިތަކުރަން ރައްޔިތުންނަށް އަންގަމުން ދާއިރު ފްލެޓްގެ ވާހަކަ ދައްކައިގެން މި ކުރަން އުޅޭ ކަމަކާމެދު ސުވާލު އުފެދޭ ކަމަށެވެ.

”ކޮންމެ ބަޔަކު އެޅިޔަސް 1000 ފްލެޓަކީ ވަރަށް ބޮޑު އިންވެސްޓެއް. އިންވެސްޓެއްް ކުރާއިރު އެކަން ކަވަރު ކުރެވޭނެ ގޮތެއް އެބަޔަކުވެސް ބަލާނެ. މި ހުރިހާ ފްލެޓް އަޅައިގެން މިތަންތަނުގައި ދިރި އުޅެނީ ކޮން ބައެއް؟ އަތޮޅު އެންމެން އައިސް މިތަނުގައި ދިރިނޫޅޭނެކަން ސަރުކާރަށް ހަމަ ރަނގަޅަށް އެނގޭނެ. ރައްޔިތުން ގުނބޯ ހެއްދުމުގައިވެސް ހައްދެއް އޮންނަން ވާނެ. “ޕީއެންސީ އަށް ނިސްބަތްވާ މެންބަރަކު ނަން ހާމަނުކުރަން އެދި ބުންޏެވެ.

ގޯތި ނުވަތަ ފްލެޓްގެ ކަންތަކުގައި ރައްޔިތުން މިހާރު ތިބީ ކައުންސިލުން ދައްކާހާއި ވާހަކަތަކެއް ގަބޫލު ކުރާ ގޮތަކަށް ނޫނެވެ.

ގޯތީގެ ކަންތަކުގައި ކައުންސިލަށް ވަރަސް ގިނަ ފަހަރު މަޝްވަރާއަށް ގޮފައިވާ މީހަކު ބުނީ ގޯތީގެ ކަންތަކުގައި ވަރަށް ގިނަދުވަހު ކެތްކުރެވިއްޖެ ކަމަށެވެ. އެކަމަކު ދެން އިތުރަށް ކެތްނުކުރެވޭނެ ކަމަށާއި ރަށު ކައުންސިލަށް ވަރަށް ގިނަ ފުރުސަތު ދެވިއްޖެ ކަމަށެވެ.

”މިކަމުގައި ރަށު ކައުންސިލަށް ޕްރެޝަރު ކުރެވެން އޮތް ގޮތަކަށް ކުރާނަން. އަޅުގަނޑުމެން މިހާރު މިތިބީ ބަލި ގަބޫލު ކޮށްގެން ގެއަށްދާ ގޮތަކަށް ނޫން. އެއީ ސީދާ ހަރަކާތަށް ނުކުންނަންޖެހިއްޖެ ނަމަ އެކަމަށްވެސް ތައްޔާރު ވެގެން. މިކަން ނިމޭނީ ރައްޔިތުންނަށް ކާމިޔާބުވެ ރައްޔިތުންނަށް ގޯތިދޭން އޭދަފުށިން ހިއްކާފައިވާ ބިމުން ގޯތި ހައްގުވާ މީހުންނަށް ގޯތި ނުވަތަ ފްލެޓް ލިބުމުން. “ރޭގެ ބައްދަލު ވުމުގައި ބައިވެރިވި އެހެން މީހެއްގެ ޝުއޫރުތައް ހުރީ މިގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top