ކާރިސާތަކުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުގައި ރީޖަނަލް އިމަޖެންސީ ސެންޓަރުތަކެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެސްއެސްޓީވީ “ބާރު ހަތަރެއް” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ކާރިސާތަކުގެ ހާލަތުގައި، އަތޮޅު ތެރޭގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެ ގޮތުން މިހާރު ދިމާވާ ކާރިސާތަކުގެ ހާލަތްތަކުގައި އަތޮޅު ތެރޭގެ ދުރު ހިސާބުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެހެންވެ، ކުރިޔަށް އޮތް ތަނުގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތަކެއް ބައެއް ސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންޑީއެމްއޭއާ އެކު ފަސްޓް ރެސްޕޮންޑާސްގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނާއި، މޯލްޑިވްސް ރެޑް ކްރެސެންޓާ ވެސް އެކު، އެ ތަންތަން ހިންގުމަށް ވިސްނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކާރިސާތަކުގެ ވަގުތުތަކުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.
ހިސާން ވިދާޅުވީ އަތޮޅުތަކުގައި ހިނގާ ހާދިސާތަކުގައި ފަސްޓް ރެސްޕޮންޑާސްގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ވެސް ހުރި ވަސީލަތްތަކާއި ޚިދުމަތްތައް ބަލައި، އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކާރިސާތަކުގައި ގެއްލުން ލިބޭ އާންމުން، ކުރިން ތިބި ހާލަތަށް ރުޖޫއަ ކުރުމަށް ޓަކައި އެންޑީއެމްއޭއިން ގެއްލުމުގެ އެސެސްމެންޓުތައް ހެދުމަށް ފަހު، އެހީތެރިކަން ފޯރުކޮށްދެއެވެ.