ބެލެނިވެރިންގެ އަތުން ސްކޫލްތަކަށް އެކި ނަންނަމުގައި ނަގާ ފައިސާ މީސްމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރުން ހުއްޓާލުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަދީލް ނަސީރު ގޮވާލައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ގޮވާލެއްވުމަށް ފަހު ވިދާޅުވީ ބެލެނިވެރިން އަތުން ފައިސާ ނެގުމަކީ މިނިސްޓްރީން ތަރުހީބު ދޭ ކަމެއް ނޫން ކަމަށެވެ.
އޭނާ މިގޮތަށް ވިދާޅުވެފައި މިވަނީ ސްކޫލްތައް އޭސީ ކުރަން ފަށާފައިވާ ޕްރޮޖެކްޓާ ގުޅިގެން، ބެލެނިވެރިންގެ އަތުން ފައިސާ ނަގައިގެން ބައެެއް ސްކޫލްތަކުން އެކަން ކުރަމުން އަންނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ކުރިން ޕްރިންސިޕަލް ކަން ވެސް ކުރެއްވި އަދީލް ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުގެ ޕްރޮޖެކްޓަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދަން މިނިސްޓްރީން ނިންމި ޕްރޮޖެކްޓެއް ކަމަށާއި އެކަން އަވަސް އަރުވާލައިގެން ކުރުމުން ލަފާ ނުކުރެވޭ އެތައް ގެއްލުންތަކެއް ސްކޫލްތަކަށް ކުރިމަތިވާނެ ކަމަށެވެ.
ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރީ ޖޫން 2 ގަ އެވެ.