ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކުރަން އިތުރު ވަގުތު ބޭނުންވޭ

P8haOFyBIBs7PMBYKI9YAA2jWpQdsyFfSqwrOpha.webp

ރަށްރަށުގެ މަގުބައްތިތައް ވަކި ސްޓޭންޑަރަކަށް ގެނައުމަށް ފެނަކައިން ކައުންސިލްތަކަށް ދިން މުއްދަތުގައި އެ މައްސަލަތައް ހައްލުކުރަން ކައުންސިލްތަކަށް ދަތިވާނެ ކަމަށާއި އެކަމާއި ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގައި މަގުބައްތިއަކުން ކަރަންޓުގައި ޖެހި ކުއްޖަކު ނިޔާވި މައްސަލައަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ އެކަމުގެ ތަހުގީގު ހިންގުމަށްފަހު ފެނަކަ ފަންސާސްހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެ މައްސަލައަށްފަހު މުއްދަތެއް ދިނުމަށްފަހު މިއަދުގެ ނިޔަލަށް އެކަންކަން ރަނގަޅު ކުރާ ރަށްރަށުގައި ނޫނީ ބައްތިތަކަށް ކަރަންޓް ނުދިނުމަށް ފެނަކައިން ވަނީ ނިންމާފައެވެ.

އެ ހާދިސާއާ ގުޅިގެން ރަށްރަށުގައި ހުރި މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ރަނގަޅުކުރުމަށް ފެނަކަ އިން، ކައުންސިލްތަކަށް ދިން މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ. ފެނަކަ އިން ވަނީ ދެ ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްދީފަ އެވެ.

އެ ކުންފުނިން މީގެ ކުރިން ބުނެފައިވަނީ އެ މުއްދަތުގައި ރަނގަޅު ނުކޮށް ހުރި މަގުބައްތިތަކަށް މާދަމާއިން ފެށިގެން ކަރަންޓު ދޫނުކުރާނެ ކަމަށެވެ.

އޭދަފުށީގެ މަގުބައްތިތަކުގެ މަސައްކަތް ވެސް އަދި ނުނިމެއެވެ. އެމަސައްކަތް މިހާރުވެސް އަންނަނީ ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.

މިނިސްޓަރު އާދަމް ޝަރީފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުބައްތިތަކުގައި އީއެލްސީބީ ހަރުކުރުން މުހިންމު ކަމަށެވެ. ނަމަވެސް، އެކަން ކުރުމަށް ކައުންސިލްތަކަށް އިތުރު މުއްދަތާއި ވަގުތު ބޭނުންވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ފެނަކައާއި ދަނީ މަޝްވަރާ ކުރެވެމުން ކަމަށާއި، އެކަމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ވެސް މަޝްވަރާ ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އުނގޫފާރުގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފައިވަނީ އެ ބައްތިތަކުގައި އީއެލްސީބީ ހަރުކޮށްފައި ނުވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top