ބ.ކަމަދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިމުމަކާ ހަމައަށް ދެވިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީ އިން ބުނެފިއެވެ.
މިމަޝްރޫއުގެ މަސައްކަތުގެ 93އިންސައްތަ ނިމިފައިވާކަން ހާމަކުރަމުން އެކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 81 އިންސައްތަ އަދި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތުގެ 55އިންސައްތަ ނިމިފައިވާ ކަމަށެވެ.
ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 25,500 ކިއުބިކް މީޓަރު ސަރަހައްދުގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 5,433 ކިއުބިކް މީޓަރު ބޮޑުމިނަށް މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމާއި، 5,085 ކިއުބިކް މީޓަރު ބޮޑުމިނުގެ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 658 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 173 މީޓަރުގެ ބޭރުތޮށި ލުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,810 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމާއި، 2 ރޭމްޕެއް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުގެ އަގަކީ 51.44 މިލިއަން ރުފިޔާ އެވެ.