އަންނަ ބޮޑުއީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލި ފުރުސަތުގައި އޭދަފުށި ހިމެނޭހެން 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް، އެވުޒާރާއިން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ބުނީ އެ ވުޒާރާގެ ފަރާތުން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައަޅާނެ ކަމަށެވެ. އެގޮތުން ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި އީދުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރު ތަކަށާއި ކުރާނެ ޚަރަދުތަކާއި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު ރާއްޖޭގެ އުތުރުން ހަތް ރަށަކާއި މެދުރާއްޖެތެރެއިން 10 ރަށަކާއި ރާއްޖޭގެ ދެކުނުން ނުވަ ރަށަކާއެކު ޖުމްލަ 26 ރަށަކުން ވަނީ ހުށައަޅާފައެވެ. ބައެއް ރަށްރަށުން ސުންގަޑީގެ ފަހުންވެސް ހުށަހެޅުންތައް ފޮނުވާފައިވުމުން އެ ހުށަހެޅުންތައް ވަނީ ބަލައި ނުގަތުމަށް ނިންމާފައެވެ.
އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް އެ ވުޒާރާއިން ވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފައެވެ. އަދި ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މަސައްކަތް ކުރަމުން ދަނީ ޕްރޮޕޯޒަލްތައް ބެލުމާއި މާކްސް ދިނުމުގެ ކަންކަން ނިންމައި ކަނޑައެޅޭ ރަށްތައް، ފެށޭ ހަފުތާގެ ތެރޭގައި އިއުލާން ކުރުމަށެވެ.
މި އަހަރުގެ އަޟްޙާ އީދަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.