އޭދަފުށި ފުޓްސަލްގެ ރަސްކަމަށް

b_qR35TLEP82lOgPSlveRNRScL7.jpeg

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކިންގް ސައްޓު --- ވަން ފޮޓޯ/ އައުސަމް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ލ. ގަން ބަލިކޮށް، ބ. އޭދަފުށިން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ، ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި 4-2ގެ ނަތީޖާއަކުން ގަން ބަލިކޮށްގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފު ވެސް ފެނިގެން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ގަމުން ހާފުގެ ކުރީކޮޅު ޕްރެޝަރަށް ވައްޓާލައި، ކައިރިކައިރީގައި އޭދަފުށިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. އޭދަފުއްޓަށް ފުރަތަމަ ގޯލު އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބު ކޮށްދިން އިރު، އޭގެ މާގިނައިރުތަކެއް ނުވަނީސް އެޓީމުގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރެވެ.

ގަމުން ޕްރެޝަރުން އަރައިގަތުމަށް މަސައްކަތް ތަކެއްކޮށް، ގިނަ އިރުތަކެއް ނުވަނީސް ފަރަގު ކުޑަކުރި އެވެ. ގަމަށް އެ ގޯލު ކާމިޔާބު ކޮށްދިނީ އަބްދުﷲ ޖުނައިދު (ޖޭނޭ) އެވެ. އެ ގޯލަށް ފަހު ނަތީޖާ ހަމަހަމަކުރުމަށް ގަމުން މަސައްކަތް ތަކެއް ކުރި ނަމަވެސް، ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ގަމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އޭދަފުށީގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވައެއް ނުލެވުނެވެ. އެގޮތުން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އަށެވެ.

އޭދަފުށިން ޑިފެންސަށް ވިސްނައިގެން ކުޅުމުން ގަމަށް ގޯލު ޖަހާނެ ފުރުސަތުތަކެއް ހަނިވެގެން ދިޔައެވެ. އޭގެ ބަދަލުގައި އޭދަފުށިން ކައުންޓާ އެޓޭކުގައި ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. އޭދަފުށީގެ ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) އެވެ.

ގަމުން މަސައްކަތްތަކެއް ކުރަމުންދަނިކޮށް، އޭދަފުށިން ވަނީ ހިލޭ ޖެހުމަކުން ލީޑު ފުޅާކޮށްފައެވެ. ފޮނުވާލި ބާރު ހަމަލާއަކުން އޭދަފުއްޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗު ނިމެނިކޮށް ދެ ޓީމުގެ ގޯލެއް ވެސް ފެނިގެން ދިޔައެވެ. އޭދަފުށީގެ ހަ ފައުލު ހަމަވެގެން ލިބުނު ދުރު ޕެނަލްޓީން ގަމުގެ ދެވަނަ ގޯލު އަހުމަދު ހަލީމް (އަންމަޑޭ) ކާމިޔާބުކޮށްދިން އިރު، އޭގެ ދިހަ ސިކުންތުގެ ތެރޭގައި އޭދަފުށީގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ސެންޓޭ އެވެ.

އެ މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އޭގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އެ ވުޒާރާގެ އިސް ބޭފުޅުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހުއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އާއި އެޓީމުގެ ހައިޝަމް ހަސަން (ބިޑި) އާއި ގަމުގެ ހުސައިން ޝަރީފް (އޮންލީ) އާއި އެޓީމުގެ އަލީ ޝާމިސް (ތޮއްޕެ) އާއި އަދި ކ. ގާފަރުގެ އަލީ މާއިސް (މައްޓު) އެވެ.

މިފަހަރުގެ މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓް ނުވަތަ ފުޓްސަލްގެ ރަސްގެފާނަށް ހޮވިފައިވަނީ އޭދަފުށީގެ ސައްޓުއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އޭނާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top