ރ. ފައިނުން ތިން ބިދޭސިން ފައިލޭރިއާއަށް ޕޮސިޓިވް ވެއްޖެއެވެ.
އެ ރަށު ކައުންސިލުން މިއަދު ނެރުނު ނޯޓިސް އެއްގައި ބުނީ އެ ރަށުގައި އުޅޭ ބިދޭސީން ފައިލޭރިއާއަށް ސްކްރީން ކުރިއިރު، އެ ބައްޔަށް ޕޮސިޓިވް ވެފައިވާ ތިން މީހަކު ފެނިފައިވާ ކަމަށެވެ.
އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ ރަށު ކައުންސިލާއި ސިއްހީ މަރުކަޒުން ގުޅިގެން އަޅަމުން އަންނަ ކަމަށް އެ ނޯޓިސްގައި ވެއެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން ފައިލޭރިއާގެ 25 ކޭހެއް ހދ. ކުޅުދުއްފުށިންވެސް ވަނީ ފެނިފައެވެ. އޭގެ ފަހުން ހުޅުމާލެއިން ވެސް ބިދޭސީންތަކެއް ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އަދި މި ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް މިހާރު ވަނީ ފަށައިފައެވެ.
ފައިލޭރިއާ ނުވަތަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.
މި ބަލި ފަތުރާ ކިއުލެކްސް މަދިރި އަކީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.
އެގޮތުން މަދިރި އާލާވާނެ ހުރިހާ ތަނެއް ނައްތައިލުން ހިމެނެއެވެ.