ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަން ނުކުރަން ނިންމަވައިފި

338945-cbbe6006-1-1536x1024-1.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު މަޖިލިހަށް ވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި އެމަނިކުފާނު މިއަދު ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އެމަނިކުފާނު ނިންމާފައިވާ ކަމަށެވެ.

ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާން ވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާބަލާއިރު ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށާއި ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަން އެ މަނިކުފާނު ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، އެ ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތްކުރަން ޖެހޭ ކަަމށެވެ.

މިގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

“މިއީވެސް، ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލުހޯދުމަށް މުހިންމުކަމެއް. މިކަމާބެހޭ ކަރުދާހެއް ކެބިނެޓަށް ހުށަހެޅި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ކުންފުނިތައް ހަރުދަނާ ކުރުމާބެހޭ ޚާއްސަ ސިޔާސަތެއް ވަނީ ފާސްކުރެވިފައި. މީގެ އިތުރުންވެސް، ފިސްކަލް ޑެފިސިޓް ކުޑަކޮށް، މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފައި،”. ރައީސް ވިދާޅުވިއެވެ.

ސިޔާސީ އިސް މަގާމުތަކަށް އިތުރަށް ބޭފުޅުން އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު ސްޓޭޓް މިނިސްޓަރުންގެ މަގާމުގައި މިވަގުތު 93 ބޭފުޅަކު އެބަ ތިއްބެވި އެވެ.

މީގެ އިތުރުން ވަޒީރުންގެ ނައިބުންގެ ގޮތުގައި 163 ބޭފުޅަކު ތިއްބެވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުން އެނގެ އެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސާއެކު މަހަކު 47،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ވަޒީރުންގެ ނައިބުގެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 35،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

ރައީސް މީގެ ކުރިން ވަނީ ކުރީގެ ސަރުކާރަށްވުރެ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމު މަދުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 700 އަށްވުރެ ސިޔާސީ މަގާމު އިތުރު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top