އަދުރޭ ވިދާޅުވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާނީ ގާބިލު މީހުން ކަމަށް

l_170617142614yKhC.jpg

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އަދުރޭ ވިދާޅުވީ ސަރުކާރު މަތިބަރު ނޫން ކަމަށް -- ފޮޓޯ/ ޕީއެންސީ

ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާނީ ގާބިލު މީހުން ކަމަށާއި އަދިވެސް އިތުރު މީހުން މަގާމުތަކަށް ނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގައި މިހާތަނަށް 22 ވަޒީރުންގެ އިތުރަށް 91 ސްޓޭޓު މިނިސްޓަރުންނާއި 163 ނައިބު ވަޒީރުން އެބަތިއްބެވެ. އަދި، ވަޒީރު ފެންވަރުގައި ވެސް އިތުރު 20 ބޭފުޅުން އައްޔަންކުރައްވާފައި އެބަތިއްބެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ޕީއެންސީން ވެރިކަމަށް އައި ތަފާތެއް ދައްކަން ކަމަށެވެ. އަދި، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދަން އިދާރާތަކަށް ގާބިލު މީހުން އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

އެހެންވެ، އެ ކަން އަދިވެސް ކުރިއަށް ދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުގެ މަގާމުތަކުގައި ނާގާބިލު ބޭފުޅުން ނުތިއްބަވާނެ ކަމަށެވެ. އެހެންވެ، އަދިވެސް ގާބިލު ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. މި ސަރުކާރުން ކަންކަން ބަލަން ނުތިބޭނެ ކަމަށާއި އާމްދަނީ އިތުރުކޮށްގެން ދައުލަތުގެ ޚަރަދުތައް ދެކޮޅު ޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އަދިވެސް އިތުރަށް މަގާމުތަކަށް ބޭފުޅުން އައްޔަންކުރަމުން ދާނަން،” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވާއިރު ސަރުކާރުގެ އެކިމަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ގާބިލް މީހުންގެ ބަދަލުގައި ގާތް މީހުންނަށް އިސްކަން ދޭ ކަމަށް ބުނެ އާއްމުން އަންނަނީ ފާޑު ކިޔަމުންނެވެ. އެކަމުގެ ހެކިވެސް އަންނަނީ ދައްކަމުންނެވެ.

އަދުރޭ ވިދާޅުވީ، ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނެ އަދަދު ލިމިޓުކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތްކުރަނީ ސަރުކާރަށް އުނދަގޫ ކުރަން ކަމަށެވެ. އަދި، މި ސަރުކާރު މަތިބަރުކަމަށް ގަބޫލުނުކުރައްވައި ކަމަށާއި ޚިދުމަތް ދޭން، މަގާމުތަކަށް ގާބިލު ބޭފުޅުން އައްޔަންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދާ ހަމައަށް މި ސަރުކާރުގައި 91 ސްޓޭޓު މިނިސްޓަރުން އައްޔަންކޮށްފައި ތިބިއިރު 163 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ.

މުސާރައާއި އެލަވަންސާ އެކު އެ ބޭފުޅުންނަށް މަހެއްގެ މައްޗަށް 47،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މި ސަރުކާރުގައި މިހާތަނަށް 91 ސްޓޭޓު މިނިސްޓަރުން ތިބިއިރު އެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 4.2 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެއެވެ. މުސާރައާއި އެލަވަންސާ އެކު ޑެޕިއުޓީ މިނިސްޓަރަކަށް މަހަކު، 35,500 ރުފިޔާ ލިބިލައްވައެވެ. އައްޔަންކޮށްފައި ތިބި 163 މިނިސްޓަރުންނަށް އެހެންވެ މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އެއީ، ޖުމުލަ ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައަށް މަހަކު 10 މިލިއަން ރުފިޔާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީ ސަރުކާރުގައި އެ އަދަދުތައް މިއަށް ވުރެ މާ ދަށެވެ. ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އެ ސަރުކާރުގައި ތިއްބެވީ 48 ބޭފުޅުންނެވެ. އަދި، ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ 38 ބޭފުޅުންނެވެ.

މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގައި ތިއްބެވި ބޭފުޅުންނާއި ސްޓޭޓު މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު މި ސަރުކާރުގައި މިހާރު ވަނީ 299 އަށް އަރައިފައެވެ. އޭގެ އިތުރުން ވެސް އެއަށް ވުރެ ދަށް މަގާމުތަކުގައި ސިޔާސީ ބޭފުޅުން ތިއްބަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top