ބ.އަތޮޅު ތައުލީމީމަރުކަޒަށް 43 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށް ފަހު މިދުނިޔެ ދޫކުރައްވާފައިވާ ނަމޫނާ ޚިދުމަތް ތެރިޔާ، އޭދަފުށީ ފިނިފެންމާގޭ އަހުމަދު އަލީގެ ތައުބީނުގެ ޖަލްސާއެއް މިރޭ އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ އިންތިޒާމު ކުރަނީ ބ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ، އަހުމަދު އަލީ 43 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބ.އަތޮޅު ތައުލިމީ މަރުކަޒުގައި މިރޭ 8:45 ގައެވެ.
އަހުމަދު އަލީ ތައުލީމީ ދާއިރާއަށް ރަސްމީ ސިފައެއްގައި ގުޅިވަޑައިގަތީ 1978ވަނައަހަރު އެވެ. އޭގެ ކުރިން މަދަރުސަތުލް ބަހިއްޔާގެ މުދައްރިސް ކަން ކުރެއްވިއެވެ.
އެސްކޫލްގެ އިސްލާމް މުދައްރިސް އައްޝައިޚް އަބްދުލްމަޖީދު މުހައްމަދު ވިދާޅުވި ގޮތުގައި އަހުމަދު އަލީ ނެތްނަމަ ބ.އަތޮޅު ތައުލީމީ މަރުކަޒު މިހާ ރީތިކޮށް ނުފެންނާނެއެވެ.
”ރާއްޖެތެރޭގެ އެތައް މިތަނުގައި ސްކޫލްތަކާއެކު އިމާރާތްކުރި ހެޑްމާސްޓަރ ގެތަކުގެ ތެރެއިން މިއަދު ދިރުމެއް ހުރި އަދި ނަލަކަމާއެކު މިހާރުވެސް ހިންގަމުން އަންނަ ހަމައެކަނި ހެޑްމާސްޓަރ ގެ ނުވަތަ “ދަންދިއްފަރު” ފެންނަން އެހެރީ އަހްމަދު އަލީގެ މަސައްކަތުން. މީގެ އިތުރުން ސީދާ ތައުލީމާ ގުޅުން ނެތް އެކަމަކު ސްކޫލާ ގުޅުވައި ދިނުމަށް އޭދަފުށީގައި އުފައްދާފައި ހުރި ތަންތަން ހަރުދަނާކަމާއެކު ހިންގުމުގައި އަހްމަދު އަލީ ކުޅެފައިވާ ދައިރަކީ މިއަދުގެ ޒުވާނުންނަށް އަގުހުރި ފިލާވަޅެއް.“މަޖީދު އިތުރުކޮށްލެއްވި އެވެ.
އަހުމަދު އަލީ އަށް ބޮޑުބޭބެ ވިދާޅުވާ، ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް، އަހުމަދު ރަފީއު ވިދާޅުވީ އަހްމަދު އަލީއާ ހަވާލު ކުރެވޭ ކޮންމެ މަސައްކަތެއްވެސް ވަގުތުގެ ކުރިން ނިންމާލާކަން އެއީ ފާހަގަކުރެވޭ ވަރަށް ޚާއްސަ ސިފައެއްކަމަށެވެ. ހަމައެހެންމެ އޭނާއަކީ ސްކޫލަށް ވަޑައިގަންނަވާ ކޮންމެ ޕްރިންސިޕަލަކަށް ވެސް ވަރަށް ބިނާކުރަނިވި ލަފާދޭ މީހަކަށް ވުމަކީ ސްކޫލް ކުރިއަށް ދިއުމަށް ލިބުނު ބާރެއް ކަމުގައެވެ. މީގެ އިތުރުން ވަރަށް ގިނަ ގޮތްގޮތުން ސްކޫލަށް ގިނަގުނަ ކުރިއެރުންތަކެއް ހޯދައިދީފައިކަން ރަފީއު ފާހަގަކުރެއްވި އެވެ.
”އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުގެ މަގްސަދު ހާސިލް ވެއްޖެ. ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ރާއްޖެތެރޭގައި އިމާރާތް ކުރެވުނު ފުރަތަމަ ނަމޫނާ ސްކޫލަށް ވީ ފަދައިން މިއަދު މި މަރުކަޒު ނަމޫނާ ސްކޫލެއްގެ ގޮތުގައި ހިމެނިފައި އޮންނާނީ އެންމެ ރަނގަޅު ނަތީޖާ ނެރެދޭ އެންމެ ގިނަ ކުދިން ގްރެޖްއޭޓް ވެފައިއޮތް ނަމޫނާ ސްކޫލްގެ ގޮތުގައި. އަދި ގައުމަށް ޚިދުމަތް ކުރުމުގައި މި ފުރާޅުގެ ދަށުން ނުކުތް ކުދިންވާނީ އަތޮޅު ތައުލީމީ މަރުކަޒަކުން ނެރުނު އެންމެ ގިނަ ކުދިންކަމަށް. މިއީ އަޅުގަނޑު އެންމެ ފަޚުރުވެރިވާކަމަކީ. “މިއީ ބ.އަތޮޅު ތައުލިމީ މަރުކަޒާ އެނާއާއި ހުރި ގުޅުމާބެހޭ ގޮތުން އީވީއަށް އެންމެ ފަހުން ވިދާލުވި ބަސްކކޮޅެވެ.
ވަޒީފާއިން މުސްކުޅި ކުރާ އުމުރު، 65 އަހަރު ވުމުން މިދިޔަ ޑިސެމްބަރު މަހު ވަޒީފާއިން ރިޓަޔާ ކުރެއްވިއިރު ހުންނެވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމްގަ އެވެ. އޭރު ތައުލީމީ ދާއިރާއަށް ވަނީ 43 އަހަރު ހިދުމަތްކުރައްވައިފަ އެވެ.
އަހުމަދު އަލީ ނިޔާވީ، މާލެ ވަޑައިގެން އުޅުއްވަނިކޮށް، މަޖީދީ މަގު ހުދުމާ ކައިރިން ހިނގާފައި ދަނިކޮށް ހާޓްއެޓޭކެއް ޖެހި ވެއްޓިގެން މިދިޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހު އެވެ.