ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ނިންމަވައިފައެވެ.
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ މީގެ ކުރިން ބަންދު ދުވަހަކެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ މީގެ ފަހުން ސަރުކާރު ބަންދު ނޫން ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.. މިޔާއެކު، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް 2019 އަހަރު ކަނޑައަޅާފައި އޮތް އޮތުން ބާތިލުކުރައްވާފައިވާ ކަމަށް ބުންޏެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.