ފައިލޭރިއާ ފެނުނަސް ކަންބޮޑުވުމެއް ނެތް: ހެލްތު މިނިސްޓަރު

GCRMgGcbcAEp_CZ.jpeg

ރާއްޖެ އިން ފައިލޭރިއާ ބަލި ފެނުނު ނަމަވެސް ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރު ވިދާޅުވީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ފައިލޭރިއާއަކީ ރާއްޖެއަށް “އިމްޕޯޓު” ވެފައިވާ ބައްޔެއް ކަމަށާއި، އެބަލި ރާއްޖޭގައި ފެތުރޭތީ ރައްޔިތުން އެކަމާ އެއްގޮތަކަށް ވެސް ކަންބޮޑުނުވުމަށް އެދޭ ކަމަށެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރިފައި އޮތް ހދ. ކުޅުދުއްފުށިން 155 ދިވެހިން ބައްޔަށް ޓެސްޓު ކުރިއިރު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ޚަލީލު ވިދާޅުވި އެވެ.

“އޭގެއިން އަޅުގަނޑުމެންނަށް ދައްކުވައިދެނީ މި ބައްޔަކީ ރާއްޖެ އަށް އިމްޕޯޓު ވެފައި ހުރި ބަލިތަކެއްކަން. ރާއްޖޭގައި ފެތުރޭ ބައްޔެއް ނޫން،“ ޚަލީލު ވިދާޅުވި އެވެ.

ޚަލީލު އިތުރަށް ވިދާޅުވީ، ފައިލޭރިއާ ފެތުރެނީ ވަރަށް ގިނަ ފަހަރު މަދިރި ހަފައިގެން ކަމަށާއި، އެންމެ ފަހަރަކު ބޭސް ދިނުމުން ދެން އެބަލި ޖެހިފައިވާ މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ނުފެތުރޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރޭގައި ބަލި ކޮންންޓްރޯ ކުރެވޭނެ ވަސީލަތްތައްވެސް އެބަހުރި ކަމުގައެވެ.

”ފައިލޭރިއާ އަކީ އެހާ ފަސޭހައިން އެކަކު އަނެކަކު ގަޔަށް ފެތުރޭ ބައްޔެއް ނޫން. މިބަލި ކޮންޓްރޯލް ކުރެވޭނެ ވަސީލަތްތަކާއި މި ބައްޔަށް ދޭންޖެހޭ ބޭހާއި ޓެސްޓު ކުރެވޭނެ ކިޓު ވެސް އެބަހުރިކަން އެބަހުރި. އިތުރު ސާމާނު ހޯދުމަށް މަސައްކަތް ކުރަމުންދަނީ“ ޚަލީލު ވިދާޅުވިއެވެ.

ފައިލޭރިއާ އަށް މިހާތަނަށް 683 މީހަކު ވަނީ ޓެސްޓުކޮށްފަ އެވެ. އޭގެތެރެއިން 651 މީހެއްގެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މި މަހުގެ ކުރީކޮޅު ހދ. ކުޅުދުއްފުށިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top