ފަލަސްތީނާ އެކު ދިވެހި ރައްޔިތުން ތިބިކަން މުޅި ދުނިޔެ އަށް ދައްކާލުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ހަވީރު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވަމުން ދާއިރު އޭދަފުށީގައިވެސް މާދަމާ ހަވީރު ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ މާދަމާ ހަވީރު “އޭދަފުށީ ރައްޔިތުން ރައްޔިތުން ފަލަސްތީނާއެކު” ނަމުގައި ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އެ ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30 ގައި ރަސްމީ ފާލަން ސަރަހައްދުންނެވެ.
މީގެ އިތުރުން ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް މާދަމާ ހަވީރު ބަނދަރު ސަރަހައްދުގައި ފަންޑު ފޮއްޓެއްވެސް ބަހައްޓާނެ އެވެ. ހިނގާލުމުގެ ތެރެއިންނާއި، ފަންޑު ފޮށި ބެހެއްޓުމަށްފަހުގައިވެސް ފަލަސްތީނާއި ގުޅިގެން ޝުއޫރުތައް ފާޅުކުރުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އޭދަފުށީގެ އިތުރުން ވެސް މާދަމާ ހަވީރު ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި ވެސް ފަލަސްތީނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ހައްދުފަހަނައެޅި ހަރުކަށި ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލު އާއްމު ތަކާއި ގުޅޭގޮތުން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ނެރުނު އަދާހަމައިގައި ވާގޮތުން، މިއަދު ގެ 2:00 ގެ ނިޔަލަށް، ފަލަސްތީނުގެ 1200 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 326 ކުޑަކުއްޖަކު ހިމެނޭއިރު 171 އަންހެނަކު ހިމެނެއެވެ.
އަދި އެކިވަރުގެ އެކި ކަހަލަ ޒަޚަމްތައް ލިބުނު މީހުންގެ އަދަދު 5339 އަކަށް އަރާއިރު، 14 މެޑިކަލް ފެސިލިޓީއަކަށް ބޮން އެޅުމުގެ ސަބަބުން ވަނީ ހަލާކުވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިއްހީ ޚިދުމަތްތެރިންގެ 10 މީހަކުވެސް ވަނީ ހިމެނިފައެވެ.