ވެރިކަމަކީ ޝަރަފެއް ނޫންކަމަށާއި، އެއީ ރައްޔިތުން ހަވާލު ކުރާ ވަރަށް ބޮޑު އަމާނާތަކާއި މަސްއޫލިއްޔަތެއް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ވެރިކަމަކީ ޝަރަފެއްގެ ގޮތުގައި ދެކޭނަމަ އެކަމުން ކުރާނެ މަންފާއެއް ނޯންނާނެ ކަމަށެވެ. ވެރިކަން ހަވާލު ކުރަނީ ރައްޔިތުން ކަމަށްވާއިރު، އަބަދުވެސް ރައްޔިތުން އިސްކޮށްގެން ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެންމެ ފުރަތަމަ ވާޖިބަށް ހަދަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ތާއީދާއިއެކު ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެއީ ޝަރަފެއްކަމަށް ދެކި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކާއި ހަވާލުކުރާ އަމާނާތްތަކަށް ޚިޔާނާތްތެރި ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރައްވާނީ ވަރަށް އަމާނާތްތެރި ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު އަޅުގަނޑުމެންގެ ވިސްނުން ސިޔާސީ ޕާޓީތަކުން ބޭރަށް ގެންދަން ޖެހޭކަމަށާއި މިހާރުގެ ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ހުރިހާ ރައްޔިތުންވެސް ވިސްނަވަން ވެއްޖެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ގައުމުގެ ކަންކަން މިހާރު ހުރި ގޮތަށް ބަލާއިރު، މި ސަރުކާރަށް އަމިއްލަ ބަސް ނުބުނެވޭ ކަމަށާއި އަދި ސަރުކާރުން ކޮންމެ ކަމެއް ކުރަންވެސް ހުއްދަ ނަގަން ޖެހޭ ކަމަށްވާއިރު ސަރުކާރުގައި ސިޔާސީ މިނިވަން ކަމެއް ނެތް ކަަމަށެވެ.
އަދި މިކަންކަމަކީ ސީދާ ސަރުކާރުން ނިންމައިގެން އުޅޭ ގޮތެއްކަމަށާއި ސަރުކާރުގެ ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން މިކަންކަމަށް މަގުފަހިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ މީގެ ފަންސާހަކަށް އަހަރު ކުރިން ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ މިނިވަންކަން އެގޮތުގައި ދެމި އޮތްކަމަށާއި އެކަން ބަދަލުވީ މިސަރުކާރު އައި ފަހުން ކަމަށެވެ.
މިހާ ހިސާބަށް ރާއްޖޭގެ ކަންކަން ގޮސްފައިވާއިރު އެކަން ބަދަލުކުރުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް މި މަހުގެ 30 ވަނަ ދުވަހު ލިބެން އެބައޮތް ކަމަށް ފާހަގަކުރައްވަމުން މުއިއްޒު އެދިވަޑައިގަތީ ގައުމު މިނިވަންކަމަށް އަނބުރާ ގެނައުމަށް ކެންޑިދެޓް ނަންބަރު ހަތަރަކަށް ހުރިހާ ރައްޔިތުންވެސް ވޯޓު ދެއްވުމަށެވެ.