މުޅި ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރެއްޖެހުމަށް ދަތުރުކުރާ އަބްދުލް ޣަފޫރު އަލީ.(ގައްބެ ) މިއަދު ބ. ގޮއިދޫއަށް އައުމުން އެހެން ރަށްރަށެކޭ އެއްފަދައިން ގޮއިދޫންވެސް އޭނާއަށް ހޫނު މަރްހަބާއެއް ކިޔައިފިއެވެ.
ހެނދުނު އއ. އުކުޅަހުން ފުރައިގެން ހަވީރުވާން ކައިރިވެފައިވަނިކޮށް ގޮއިދޫއަށް އައުމުން ފަޅު ތެރޭގެ ތިންރަށް ގުޅިގެން އޭނާއަށް މަރްހަބާ ކިއުމުގެ ގޮތުން އަތިރިމައްޗަށް ނުކުމެ އެ ރައްޔިތުންވަނީ ވަރަށް ފުރިހަމަ މެހްމާންދާރީއެއް އަދާކޮށްފައެވެ.
ރައްޔިތުންގެ ފަރާތުން ގައްބެގެ ޝަރަފުގައި މެންދުރު ކެއުން ތައްޔާރުކޮށްފައިވަނީ ގޮއިދޫގެ ރީތި އަތިރިމަތީގައެވެ. އަދި ތަފާތުކޮށްލުމުގެ ގޮތުން ހަވީރުސައި އިންތިޒާމްކޮށްފައިވަނީ އެރަށުގެ އާދަޔާ ޚިލާފު ބޮޑު ކުޅި ސަރަހައްދުގައެވެ.
ގޮއިދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ގައްބެގެ ޝަރަފްގައި މިރޭ ގޮއިދޫ ޒުވާނުންގެ ފަރާތުން ދޭ ޚާއްސަ ރޭގަނޑުގެ ކެއުމެއް ބީޗްގައި އޮންނާނެ އެވެ.
މި ދަތުރު އިންތިޒާމްކުރި އެޓޯލް ސެއިލާއިން ބުނި ގޮތުގައި ގައްބެ މާދަމާ ހެނދުނު ގޮއިދޫން ފުރައިގެން ދާނީ ތުޅާދޫއަށެވެ. އަދި ތުޅާދޫގެ ފަހުން ދެން އޮތް މަންޒިލަކީ ދަރަވަންދޫއެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ މެއިން ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓެވެ. އަދި މީޑިއާ ޕާޓްނަރަކީ “ހަވީރު” އާއި ޕީއެސްއެމް އެވެ.