ފެނަކައަކީ ސަރުކާރަށް އާމްދަނީ ހޯދަން އޮންނަ ކުންފުންޏެއްް ނޫންކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ވީހާ ގިނަ ވަޒީފާ ރައްޔިތުންނަށް އެ ކުންފުނިން ދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަމުގައި މިއަދު ދެއްކެވި ވާހަަކަފުޅުގައި ރައީސް ވިދާޅުވީ، ފެނަކައިން މިހާރު ވެސް ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތާއި ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް ދެމުންގެންދާ ކަމަށާއި އައިސްޕުލާންޓްތައް މަރާމާތު ކުރަނީ އެ ކުންފުނިން ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ ފެނަކައިން މާ ބޮޑު ފައިދާއެއް ދައުލަތަށް ހޯދުން ނޫން ކަމަށާއި އެކުންފުންޏަކީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުންޏެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“ވީހާ ވެސް ގިނަ ބަޔަކަށް ވަޒީފާ ދީ އެ ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހޭވަރުވީމާ އަޅުގަނޑަށް އެ ނިމުނީ. ފެނަކަ އަކީ ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން، ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ދިނުމާއި އެކީގައި ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތެއް ހޯދައިދިނުން، މިއީ އަޅުގަނޑުމެންގެ ޕުލޭނަކީ.” ރައީސް ވިދާޅުވިއެވެ
”ފެނަކައަކީ އަޅުގަނޑުމެން ކޮންމެހެން ދައުލަތަށް އާމްދަނީ ހޯދަން ހަދައިފައި އޮތް ކުންފުންޏެއް ނޫން. ބޭނުންވަނީ ރައްޔިތުންނަަށް ބޭނުންވާ އަސާސީ ޚިދުމަތް ދިނުމާއެކީގައި ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތެއް ހޯދައިދިނުން،“ ރައީސް ވިދާޅުވިއެވެ.