ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ކަންކަމަކީ އެ ފަރާތެއް ހެޔޮފުޅުވުން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް ރޭ މީޑިއާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ވެރިކަމުގައި ހުރެގެން ކޮށްދޭ ކަންތައްތަކަކީ އެ ބޭފުޅެއްގެ ހެޔޮފުޅުކަމުން ނުވަތަ މޮޅުކަމުން ކޮށްދޭ ކަންތައްތަކެއް ނޫން ކަމަށާއި ރައްޔިތުންނަށް ވެރިކަމަށް މީހަކު އިންތިހާބު ކުރަނީ އެކަން ކޮށްދިނުމަށް ކަމަށެވެ. އަދި ރައްޔިތުން ދޭ ފައިސާ އިން މުސާރަ އާއި އެހެން ހަރަދުތައް ލިބިގެން ކުރާ ކަންކަމަކީ ވެރިމީހާގެ މޮޅުކަމުން ކުރާ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ހެޔޮފުޅުކަމުން ކަމެއް ކޮށްދިނުން ކަމަށްވާނީ އަމިއްލަ މަސައްކަތުން ހޯދާފައި ހުރި ފައިސާ އިން އެހީ ދިނުން ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން އަތުން ޓެކްސް ނަގައިގެން ސަލާމަތް ނުވެވޭ ވަރުގެ ބޮޑެތި ދަރަނި ލޯނަށް ނަގައިގެން އައިސް ކަންކަން ކޮށްދިނުމުން އެ ދަރަނި ވެސް އަދާކުރަންޖެހޭ ބަޔަކީ ރައްޔިތުން ކަމަށްވާނަމަ އެއީ ހެޔޮފުޅު ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
މީހެއްގެ ގާބިލުކަން ބެލުމަށް މާޒީގައި އޭނާ ކިހާ ކަންތައްތަކެއް ކޮށްދީފައިވޭތޯ ބަލަން ޖެހޭނެކަން ފާހަގަކުރައްވައި ގާސިމް ވަނީ ދިވެހި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ކަންތައްތަކުގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ.
ގާސިމް ވިދާޅުވީ ވެރިކަން ނުލިބި، އަމިއްލައަށް ލެއާއި ދާ އޮހޮރުވައިގެން އެއްކުރި ފައިސާއާއި މުދަލުން ނިކަމެތިންނަށް އެހީވެ ދެއްވި ކަމަށެވެ. މިހާރުވެސް ގާސިމްގެ ހަރަދުގައި އެކި ދާއިރާތަކުން ކިޔަވައިގެން ތިބި 7000 އަށް ވުރެ ކުދިން ގައުމަށް ހިދުމަތް ކުރަމުން ދާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު އެކަން ކުރެއްވި އިރު ދިވެހި ސަރުކާރުގެ ހަރަދުގައި އެއްވެސް ކުއްޖަކު ކިޔަވަން ބޭރަށް ނުފޮނުވާ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ރައީސް މައުމޫނުގެ ޒައާމަތުގައި އެ މަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ‘އާދޭސް ދަންނަވައިގެން” ދިވެހި ދަރިވަރުންނަށް ފޮތް ފަންސޫރާއި ޖީސީއީ އިމްތިހާނަށް ފައިސާ ދައްކައިދޭ ގޮތް ހައްދަވާފައި ވާނެ ކަމަށެވެ. ދިވެހިންނަށް ބޭސްފަރުވާ ކުރުމުގައިވެސް އެ މަނިކުފާނު ގިނަގުނަ އެހީތެރިކަން ފޯރުކޮށް ދެއްވާފައި ވާނެކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ފަރުވާއަށް ބޭރު ގައުމުތަކުގައި އެތައް އަހަރެއް ހޭދަކުރި މީހުން ވެސް އެބަތިބި ކަމަށާ، ދުވަހަކުވެސް ބަޖެޓު ހުސްވެގެން އެ ހަރަދުތައް ހުއްޓާލައްވާފައި ނުވާކަމަށެވެ.
ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު ޖޭޕީގެ ކެމްޕެއިން ޓީމުތަކުން އަންނަނީ ގާސިމަށް ތާއީދު ހޯއްދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ.