މި ދުވަސްވަރުގެ އެންމެ ގަދަ އަޑަކީ އައި.ޖީ.އެމް.އެޗް.ގައި މާ ބަނޑު އަންހެނެއްގެ ގަޔަށް އެޗް.އައި.ވީ.ހުރި ލޭ އެޅުނު ވާހަކަ އެވެ. މި ޚަބަރުލިބުމާއެކު އަޅުގަނޑުގެ ސަމާލުކަން ދެން ހުއްޓުނީ އަޅުގަނޑުމެން ދިރިއުޅޭ ރަށް ނުވަތަ އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލްގެ ހާލު ބަލައިލުމަށެވެ. އަޑު އިވެނީ އައި.ޖީ.އެމް.އެޗް.ގެ ކޮންމެ ކުންނަކީ އަދިކޮންމެ ދާއިރާއަކީ ކޮންމެ ދިމާއަކީ ފަރުވާ ނުލިބި ގިނަ ދުވަސް ތަކެއް ވުމުން މުޅި ތަން ކުނި ގޮނޑަކަށްވެ އެ ކުނިތައް ގޭހަށް ބަދަލުވެ އެންމެ ފަހުން މުޅި އެތަން ގޮވި ވާހަކަ އެވެ. މީގެ ބަހުސަކަށް ދާކަށް ނެތީމެވެ. އެހެން ނަމަވެސް އެހާ ހިސާބަށް އެތަން ދިޔަކަމަކަށް ގަބޫލު ކުރާހިތެއް ނުވެއެވެ. އެހެން ނޫނަސް ކަމެއް ގޯސްވާއިރަށް މުޅިތަން އޯވަރހޯލް ކުރަން ޖެހޭ ކަމަށް ނިންމުމަކީ އިންސާފެއް ނޫނެވެ. މިކަމުގައި ވިސްނާލަން ޖެހޭ ތަންކޮޅަކީ ،އެއީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމެވެ. އެތަނަކީ ދުވާލަކު ކިތައްސަތޭކަ މީހުން ޚިދުމަތް ހޯދާ ތަނެއް ކަމެވެ. ރާއްޖެގެ މުޅި އާބާދީ ސިއްހީ ގޮތުން ބަރޯސާ ވެފައިވަ ތަން ކަމެވެ. މައްސަލަ އަކީ މިއެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު އެތަން މާބޮޑަށް ކުޑައީއެވެ.
އެހެން ކަމަށް ވިޔަސް މި ރީޖަންގެ އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލް ތަކާއިއެއްވަރަށް ނުވަތަ އެއަށްވުރެވެސް ރަނގަޅަށް ކަކުލު ހުޅުގެ އޮޕަރޭޝަން ތަކާއި މި ނޫންވެސް އެތައް ކާމިޔާބީ ތަކެއް ހޯދާފައިވާކަން ފާހަގަނުކޮށް ހަމަ އެކަނި ބަލިފައިގަ ހިފާފައި ދެމުމަކީ ވެސް އިންސާފެއް ނޫނެވެ.
ކޮންމެއަކަސް މި ބިރުވެރި ކަމާއެކު އަޅުގަނޑުމެން ބ.އަތޮޅު ހޮސްޕިޓަލަށް ވަނީ އިވޭ އަޑުތަކަށް ބުރަވެހުރެ އައި.ޖީ.އެމް.އެޗް.އަށްވުރެ މާ ހާލު ބޮޑުވާނެ ކަމަށް ހީކޮށްގެންނެވެ. ކަންފަތުގައި ހަރުލާފައި ހުރީ ތިރީސްއަހަރަށް ފަހު އައި ސަރުކާރު އިހުމާލު ވެފައި އޮތް ސިއްޙީ ދާއިރާ އެވެ.
ހޮސްޕިޓަލްގެގޯތިތެރެއަށް ވަދެގެން ދިޔައިރު ފާހަގަ ކުރެވުނު ފުރަތަމަ ކަމަކީ ތަނުގެ ސާފު ތާހިރު ކަމެވެ. ހޮސްޕިޓަލެއްގެ ގޯތިތެރެއިން ފެންނަންވާނެ ސާފުތާހިރުކަން އެބަހުރިކަމުގައި ދެންނެވިދާނެއެވެ. އިރުވައި މޫސުމުގެ މި ހޫނު ހަނަފަސް ދުވަސްވަރުވެސް ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކުން ފެންނަނީ ފެހި ކަމާ އާރޯކަމެވެ. ގަސްހެއްދުމާ ހަވާލުވެ ތިބި ބައެއްގެމަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރާ ކަމުގެ ހެއްކެކެވެ.
އޭދަފުށިގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލް އަކީ އަތޮޅުގެ އެންމެންނަށް ފަރުވާ ދިނުމަށް ހުރި ހަމަ އެކަނި ހޮސްޕިޓަލް ކަމަށް ވާތީ އެތަނުގައި ހުރި ލެބޯޓްރީ އަށް އެންމެ ފުރަތަމަ ބަލައިލަމާ ހިގާށެވެ.
ބ.އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ އާއި އެތަނުގެ ލޭ އެޅުމުގެ އިންތިޒާމް ހަމަ ޖެހިފައި ހުރީ ކިހިނެއްތޯ އާއި ހޮސްޕިޓަލް ގެ ޚިދުމަތުގެ ފެންވަރާމެދު ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ވަޙީދު އަރިހުގައި ސުވާލު ދަންނަވާލީމެވެ.ވަޙީދުވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ ލެބޯޓްރީގައި ލޭ ޓެސްޓް ކުރުމަށް މިހާރު ބޭނުން ކުރާ މެޝިނަކީ ވަރަށް އާ އަދި ފަހުގެ މެޝިނެކެވެ. އަދި ލެބޯޓްރީ ގައި މަސައްކަތް ކުރާ ހަތަރު ޓެކްނީޝަނުންނަކީމި ކަމުގެ ތަޖްރިބާ ލިބިފައިވާ ބައެއް ކަމުން ލެބޯޓްރީ ގެ މަސައްކަތާ މެދު ސުވާލެއް އުފެދޭނެ ޖާގަ އެއް ނެތެވެ. މި ހޮސްޕިޓަލް ގައި ހުރި މެޝިނުން އެޗް.އައި.ވީ ޓެސްޓްގެ އިތުރުން ބޮޑެތި ބަލިތަކުގެ ޓެސްޓް ތައްވެސް ހެދެން ހުރެއެވެ.
ބ.އަތޮޅު ހޮސްޕިޓަލް ގައިވެސް ލޭ ނަގާ ތަޙްލީލު ކުރެވެން ހުރެއެވެ. އަދި ލޭ އެޅުމަކީ (އެކެއްގެ ހަށިގަނޑުގައި ހުންނަ ލޭ ނުވަތަ ލޭގެ ވަކިބައެއް އަނެކާގެ ހަށިގަނޑަށް އެޅުން) ރައްކާތެރިކަމާއެކު ދެވޭ ޚިދުމަތެކެވެ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓްރީ ޓެކްނީޝަން ޔާސިރު ރަފީއު ވިދާޅުވި ގޮތުގައި އެކަކުގެ ގައިން ނަގާ ލޭ އަނެކަކުގެ ގަޔަށް އަޅާނަމަ އެކަމުގާ ބަލަން ޖެހޭ ގިނަ ކަންތަކެއް ހުރެއެވެ. މި ގޮތުން ލޭގެ ގްރޫޕް ގުޅޭތޯ އާއި ލޭ ދޭ މީހާ އަކީ އުމުރާއި ސިއްޙަތުގެ ގޮތުން މި ކަމަށް އެކަށީގެންވާ މީހެއްތޯ އާއި ލޭ އެޅުމުގެ ކުރިން ލޭ ދޭ މީހާގެ ހަށިގަނޑުގައި ލޭގެ ޒަރީޢާއިން ވާސިލްވާ ބައްޔެއް ހުރިތޯ އާއި ލޭ ދިނުމުގެ ކުރިން ހަށިގަނޑުގެ ފިނި ހޫނު މިނާއި ހިތުގެ ވިންދު ޖަހާ މިންވަރު ބެލުންފަދަ ކިތަންމެ ކަމެއް ބަލާފައި ނޫނީ ލޭ ނުނަގާނެއެވެ.
ޔާސިރު އިތުރަށް ވިދާޅުވީ އައި.ޖީ.އެމް.އެޗް.ގައި ދިމާވި ފަދަ މައްސަލަ އަކީ ދިމާވެގެން ވާނެ މައްސަލައެއް ނޫންކަމާއި އެފަދަ ކަމެއް މި ހޮސްޕިޓަލް ގައި ދިމާނުވާނެ ކަމުގައެވެ. “ކޮންމެ މީހެއްގެ ގައިންވެސް އަދި ކޮންމެ ކަމަކަށް ލޭ ނެގި ކަމުގައި ވިޔަސް އެ ލޭ ބޭނުން ކުރާނީ އެޗް.އައި.ވީ.ފަދަ ބޮޑެތިބަލި ތަކަށް ޕޮޒިޓިވް ނުވާ ކަމުގެ 100%ޔަގީންކަން ލިބުމުންނެވެ.” ޔާސިރު ވިދާޅުވިއެވެ. ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ނުވަތަ ލޭ ރައްކާ ކޮށްފައި ނުބަހައްޓާކަމަށާއި ބަލި މީހަކަށް ލޭ އަޅަނީ އެބަލިމީހާގެ ފަރާތުން ޑޯނަރ އެއް ގެނައުމުން ކްރޮސް މެޗް ހެދުމަށް ފަހު ޓެސްޓް ކޮށް އެއްވެސް މައްސަލަ އެއް ނެތްކަމުގެ ޔަގީން ކަމާއެކުގައެވެ.
އައި .ޖީ.އެމް.އެޗް އެކޭ އެއް ފަދައިން މި ހޮސްޕިޓަލް ގައި ވެސް ލޭ ޓެސްޓް ކުރުމަށް ފަހު ނަތީޖާ ބެލުމުގައި ލެބޯޓްރީ ޓެކްނީޝަން ފިޔަވައި އިތުރު މުވައްޒަފަކު ބައިވެރި އެއް ނުވެއެވެ. އެއީ ހުރިހާ ތަނެއްގައިވެސް އެކަން އޮންނަ އުސޫލު ކަމަށް ވެދާނެއެވެ.
ދުވަހަކުވެސް އޮޅިގެން ނުވަތަ އެހެންވެސް ގޮތަކުން އަޅަން ޖެހޭ ލޭ ފިޔަވައި އެހެން ލެއެއް އެއްވެސް މީހެއްގެ ގަޔަށް އެޅިފައި ވޭތޯ ސުވާލު ދެންނެވުމުން ޔާސިރު ވިދާޅުވީ އެކަން އެގޮތަށް ހިގާފައި ނުވާނެ ކަމުގައެވެ. އަދި އެއީ ވަރަށް ނާދިރު ކަމެއް ކަމުގައެވެ. އެހެން ނަމަވެސް ރާއްޖޭގެ މައި ހޮސްޕިޓަލް ގައި މިފަދަ ކަމެއް ހިގުމުން މި ތަނުގައި އިތުރަށް އެކަމާ ބެހޭ ގޮތުން ކަމެއް ރަނގަޅު ކުރަން ވެއްޖެ ނަމަ އެކަމެއް ކުރާނެ ކަމުގައެވެ.
ބ.އަތޮޅު ހޮސްޕިޓަލް ގެ ލެބޯޓްރީ އާމެދު ސުވާލެއްނެތެވެ. ބޭނުން ކުރާ މެޝިން ތަކަކީ އިތުބާރު ކުރެވޭ އާ މެޝިން ތަކެކެވެ. މަސައްކަތް ކުރަން ތިއްބެވީ ރާއްޖެއިން ބޭރުން ޓްރެއިން ވެގެން ތިއްބެވި ޓެކްނީޝަނުންނެވެ.
ހޮސްޕިޓަލްގެ އެހެން ސެކްޝަން ތަކަށް ބަލައިލުމުންވެސް ފެނުނީ ހީކުރި ވަރަށްވުރެ ރަނގަޅު މަންޒަރެކެވެ. ވޯޑްތަކުގެ އެނދު ތަކާއި ކަބަޑް ތަކާ ބެޑްޝީޓް ފަދަ ތަކެތިންވެސް ފެންނަނީ ސާފުތާހިރުކަމެވެ. މައިގަނޑު ގޮތެއްގައި މުޅި ހޮސްޕިޓަލް ގެ ޢާއްމު ސާފުތާހިރު ކަމާމެދު ދެންނެވޭނީ ރަނގަޅު ކަމުގައެވެ.
ދެން ޓެކްނިކަލް ދާއިރާ އެވެ. ހޮސްޕިޓަލް ގެ މެނޭޖަރ އަޙްމަދު ވަޙީދު ހުންނެވީ ހޮސްޕިޓަލްގެ މި ދާއިރާއާއި މެދު ހިތްހަމަ ޖެހިގެންނެވެ. ޚިދުމަތް ދިނުމަށް އެކަށީގެންވާ ޓެކްނިކަލް މުވައްޒަފުންވެސް ހަމައަށް ތިބިކަން ފާހަގަ ކުރެއްވިއެވެ.
ޑޮކްޓަރުންގެ ތެރޭގައި އަންހެނުންގެ ޑޮކްޓަރަކާއި، ކުޑަކުދީންގެ ޑޮކްޓަރަކާއި، އިތުރުން ހޭނައްތާޑަކްޓަރަކާއި އާންމު ބަލިތަކަށް ފަރުވާ ދިނުމަށް އިތުރު 4 ޑޮކްޓަރުން ޚިދުމަތް ދޭންއެބަތިއްބެވިއެވެ. މި ސަރަހައްދުގެ އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ވުރެ މިހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޚިދުމަތް ފުރިހަމައަށް ލިބޭ ކަމަށާއި އޭގެ ހެއްކެއްގެ ގޮތުން އަބަދުވެސް ކައރި އަތޮޅުތަކުން މާބަޑުމީހުންގެ ޑޮކްޓަރަށް ދެއްކުމަށް އަންނަކަން ފާހަގަކުރެއްވިއެވެ. އަތޮޅު ހޮސްޕިޓަލްތަކަކީ 2 ވަނަ ދަރަޖައިގެ ހޮސްޕިޓަލްތައް ކަމަށް ވުމާއެކު ވަހީދުގެ އެންމެ ބޮޑު އުއްމީދަކީ މި ހޮސްޕިޓަލް 1 ވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށް ހެދުމެވެ. ނަމަވެސް އެއީ އެހާ ފަސޭހަކަމެއް ނޫންކަމަށާއި އެކަމަށް އިތުރު ޑޮކްޓަރުންނާއި އިތުރު ވަސީލަތްތައް ބޭނުންވާނެކަމަށެވެ. ދުވާލަކު 50 އާއި 60 އާއިދެމެދު ބަލިމީހުން އަންނަ މިހޮސްޕިޓަލަށް މިހާރު އެންމެބޮޑަށް ބޭނުންވަނީ އެތެރެހަށީގެ ޑޮކްޓަރެއްކަށް ވަހީދު ވިދާޅުވިއެވެ. މިފަދަ ޑޮކްޓަރެއް ހަމަޖެހިއްޖެނަމަ އިތުރު ފަރުވާއަށް މާލެ ގެންދަންޖެހޭ ބަލިމީހުގެ އަދަދު ވަރަށްބޮޑަށް މަދުކުރެވޭނެކަމުގައިވެސް ވަހީދު ވިދާޅުވިއެވެ.