ޚާއްސަ އެހީއަށް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ މިންވަރު މުރާޖައާކުރައްވައި، އިތުރު އިނާޔަތްތަކެއް ތައާރަފު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމެވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އެހީ މުރާޖައާ ކުރުމާ ގުޅޭގޮތުން ސޯޝަލް ސާވިސް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުން މަޝްވަރާކުރެއްވުމަށް ފަހު އެވެ.
މި ނިންމެވުމާ ގުޅޭ ތަފްސީލުތައް ސަރުކާރުން ފަހުން ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީގެ ގޮތުގައި މަހަކު 2,000 ރުފިޔާ ދޭން ފަށާފައިވަނީ މީގެ 12 އަހަރު ކުރިންނެވެ. މިއީ އެހީ ދޭން ފެށި ފަހުން މި އެހީ މުރާޖައާ ކުރާ ފުރަތަމަ ފަހަރެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އެހީގެ މިންވަރު އިތުރުކުރައްވާނެ ކަމަށް ރައީސް ސޯލިހް މީގެކުރިން ވިދާޅުވެފައިވެ އެވެ. އަދި މިމަހުގެ ތެރޭގައި އެކަމުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ކުރިން ވިދާޅުވެފައެވެ.






