ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ “ބެޓާ އިން ބާ” ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ކަން އޭދަފުށި ހޯދައިފިއެވެ.
ރޭ ދަރަވަންދު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ހުތާދޫ އާ ވާދަކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދީ މެޗުގެ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮތުމުން، ޕެނަލްޓީ ޖަހައިގެންނެވެ. ވާދަވެރި ހަމަހަމަ މޮޅު ކުޅުމެއް ދެ ޓީމުންވެސް ފެނިގެން ދިޔަ މި މެޗްގައި އޭދަފުށިން ލަނޑުތައް ޖަހާފައިވަނީ ސާހީ މުސާ އާއި އަލީ ނަސީމެވެ. ހިތާދޫ ޓީމުގެ ދެ ލަނޑުވެސް ޖެހީ ފައިނަލް މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުޒައިފަތު ރަޝީދެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވާފައިވަނީ ހިތާދޫ ޓީމުގެ ހުޒެއިފަތު ރަޝީދާއި، އެ ޓީމުގެ ސާޖިދު ރަޝީދާއި، ދަރަވަންދޫ ޓީމުގެ ހުސެއިން ނާސިފާއި، އޭދަފުށީގެ ގޯލްކީޕަރު އަފްސަލް އިބްރާޙީމުގެ އިތުރުން އެ ޓީމުގެ އުނެއިސް ޒުބައިރެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫ ޓީމުގެ ހުޒެއިފަތު ރަޝީދެވެ.
ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ފައިސާގެ އިނާމާއި މެޑެލް ގެ އިތުރުން ޓްރޮފީ ހަވާލުކޮށްދެއްވީ ރޭގެ މެޗުގެ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާ ދީފައިވާއިރު، ރަނަރަޕް ޓީމަށް ދީފައިވަނީ ފަންސަވީސް ހާސް ރުފިޔާއެވެ.
”ބެޓާ އިން ބާ“ ފުޓްސަލް މުބާރާތުގެ މަގުސަދަކީ ބ. އަތޮޅުގައި ފުޓްސަލުގެ ފޯރި އިތުރުކޮށް، ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމާއި، ކުޅިވަރުގެ ރޫޙު އާލާކޮށް ރަށްރަށުގެ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އަށް ވަނީ ވާދަކުރިއެވެ.