ފަޅުރަށްރަށް ބިޑަކާ ނުލައި 21 އަހަރަށް ކުއްޔަށް ދެވޭ ގަވާއިދެއް

DSCN2531-800x502-800x502.jpg

ބ.އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ހިބަޅިދޫ

އިގުތިސާދީ ބޭނުންތަކަށް ބިޑަކާ ނުލައި ފަޅުރަށްރަށް 21 އަހަރަށް ކުއްޔަށް ދެވޭ ގަވާއިދެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި “އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު” ގައިވާ ގޮތުން ފަޅު ރަށެއްގައި އިގްތިސާދީ މަސައްކަތެއް ހިންގުމަށް އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މީގެ ތެރޭގައި ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅު ރަށްރަށާއި ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިގުތިސާދީ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅު ރަށްރަށާއި ފަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅު ރަށްރަށް ނުހިމެނެ އެވެ.

އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދުގައިވާ ގޮތުން ފަޅު ރަށެއް ކުއްޔަށް ދެވެނީ ދެ ގޮތަކަށެވެ. އެއީ އެ ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނު ކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ނުވަތަ އަންސޮލިސިޓަޑް ޕްރޮޕޯސަލް ޕޮލިސީގެ ދަށުން، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލީ ޕްރޮޕޯސަލެއް ހުށަހެޅުމުން، އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށެވެ.

މީގެ އިތުރުން ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނު ކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ބަޔަކަށްވެސް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އެވެ.

މި ގަވާއިދުގެ ދަށުން 21 އަހަރަށް ރަށްތައް ކުއްޔަށް ދެވޭއިރު ކުއްޔަށްދޭ ރަށްރަށުގެ މުއްދަތު އިރުރު ކުރަން ބޭނުންނަ ނަމަ ކުއްޔަށް ދިން މުއްދަތު ހަމަވުމުގެ 12 މަސްދުވަހުގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. މުއްދަތު އިތުރު ކުރުމަށް އެދުމުން 50 އަހަރާ ހަމައަށް މުއްދަތު އިތުރުކޮށް ދިނުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެއެވެ.

އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ، ކޮށްފައިވާ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 1 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ނޫންއަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މި ގަވައިދުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ

ރާއްޖޭގެ އެކި ސަރަހައްދުގައި 1800 އަށްވުރެ ގިނަ ފަޅު ރަށް އޮވެއެވެ. އަދި އޭގެތެރެއިން ބައެއް ރަށްރަށް ވަނީ މީހުންނަށް ދޫކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top