ކްލަބް ކޮންބިނޭޝަން (ސީސީ )އިން ބ. އަތޮޅުގެ ރިސޯޓް ތަކަށް ހުޅުވާލައިގެން ބާއްވާ ”އިންޓަ ރިސޯޓް ކްރިކެޓް ޓޯނަމަންޓް“ގައި އިއްޔެއަކީ މި މުބާރާތުގެ ތިންވަނަ ދުވަސް އަދި ގްރޫޕް ސްޓޭޖުގެ ފަހުގެ މެޗުތައް ކުޅެވުނު ދުވަހެވެ.
އެގޮތުން އިއްޔެ 3 ޖެހިއިރު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އަމިއްލަ މޯލްޑިވްސް އާއި ދުސިތުތާނި މޯލްޑިވްސް އެވެ. ޓޮސް ދިމާވެގެން އަމިއްލަ މޯލްޑިވްސް ކުޅެން އަރައި 8 އޯވަރު ތެރޭ 3ކުޅުންތެރިން ނުބައިވެގެން ދެވުނީ 100ލަނޑެވެ. އަމިއްލަ މޯލްޑިވްސް އިން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 32 ލަނޑު ހެދި މުހައްމަދު އަބްދުލް ބަޝަރެވެ.
ޖަވާބުގައި ދުސިތުތާނީ މޯލްޑިވްސް ކުޅެންއަރައި 5.4 އޯވަރު ތެރޭ 1ކުޅުން ތެރިއަކު ނުބައިވެގެން 101 ލަނޑު ހަދައި މޮޅުވެގެން ފޭބީ އެވެ. މި އިނިންގްޒް ގައި ދުސިތުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 46 ލަނޑު ހެދި އަސޭލާ އެވެ. މެޗުގެ މޮޅު ކުޅުންތެރި އަކަށް ވެސް ހޮވުނީ އޭނާ އެވެ.
އިއްޔެގެ ދެވަނަ މެޗު އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބައްދަލު ކުރީ ފިނޮޅު މޯލްޑިވްސް އާއި ސޮނޭވާފުށި ރިސޯޓެވެ. ޓޮސް ދިމާވެގެން ފިނޮޅު ރިސޯޓުން ގަސްދު ކުރީ ހޮވާށެވެ. ސޮނޭވާ ކުޅެން އަރައި 8 އޯވަރު ތެރޭ 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 161 ލަނޑެވެ. މި އިނިންގްޒް ގައި ސޮނޭވާއިން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 53 ލަނޑު ހެދި ރަޖީވް ރާނާ އެވެ. މި އިނިންގްޒް ގައި އޭނާ 8 ފަހަރު 6 އަށް އަދި އެއްފަހަރު 4 އަށް ޖެހި އެވެ.
ޖަވާބުގައި ފިނޮޅު މޯލްޑިވްސް ކުޅެން އަރައި 8 އޯވަރު ތެރޭ 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 73 ލަނޑެވެ. އެެހެން ކަމުން މިމެޗު ސޮނޭވާ ކާމިޔާބު ކުރީ ބޮޑުތަފާތަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 10ބޯޅައިން 53 ލަނޑު ހެދި ސޮނޭވާ ޓީމުގެ ރަޖީވް ރާނާ އެވެ.
މިމުބާރާތުގައި މިއަދު ކުޅެނީ މިލައިދުއާއި ވެސްޓިން މޯލްޑިވްސް އެވެ.