ކޮތަޅުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ޕްލާސްޓިކް ކޮތަޅު ބޮނޑިން ޓެކްސް ނަގަން ނުޖެހޭ ގޮތަށް، ސަރުކާރުގެ ފަރާތުން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިޓެއިލް ވިޔަފާރިއާއި ހޯލްސޭލް ވިޔަފާރި ކުރާ ރެޑްވޭވް ގެ ވެރިޔާ، ސަލީމް ވިދާޅުވީ ކޮތަޅުގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުގެ އިޚްލާސްތެރި ނިޔަތެއް ނެތް ކަމަށެވެ.
ފޮތި ކޮތަޅު ރާއްޖޭގަައި އުފެއްދުމަށްޓަކައި ހުއްދަ ހޯދުމަށް އެތައް ފަހަރަކު މަސައްކަތް ކުރުމުންވެސް އެކަން ކާމިޔާބުވާ ގޮތް ނުވިކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ އޭގެ ފަހުން ލަންކާ ކުންފުންޏަކަށް ފޮތި ކޮތަޅު އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް ފަހުން އެ ހުއްދަ ބާތިލު ކުރުމަށް ފަހު ސަރުކާރާ ގުޅުން އޮންނަ ބަޔަކަށް ޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި މިހާރު ވެމްކޯ އިން ޕްލާސްޓިކް ކޮތަޅު ވިއްކަން ފަށާފައި ވަނީ އެ ކުންފުނި އަތުން މިލިއަނުން ކޮތަޅު ގަނެގެން ކަމަށް ސަލީމް ވިދާޅުވިއެވެ.
“ސަރުކާރުގެ އިހުލާސްތެރިކަން ކޮބައިތޯ؟ އެއިން (ސަރުކާރާ ގުޅުން އޮންނަ ކަމަށް ބުނާ ކުންފުނިން އުފައްދާ ކޮތަޅު) މި ނަގަނީ ކިހާ ވަރެއްތޯ؟ 15 އިންސައްތަ އާއި 25 އިންސައްތަ އާއި ދޭތެރޭގެ ޑިއުޓީއެއް މި ނަގަނީ. އެކަމަކު ރާއްޖެއަށް އެތެރެކުރާ ކޮތަޅުން އެބަ ނަގާ 400 އިންސައްތަ.” ސަލީމް ވިދާޅުވި އެވެ.
އެއްކޮޅުން ތިމާވެށި ސަލާމަތްކުރާ ވާހަކަ ދައްކާފައި އަނެއްކޮޅުން ސިއްރު ސިއްރުން ބަޔަކަށް ލުއިތަކެއް ދީގެން ކުރެވޭ ނިޒާމެއް ގާއިމް ކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މީގެ އަހަރެއް ކުރިން ރެޑްވޭވްގެ ހުރިހާ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ވިއްކުން ހުއްޓާލައި ފޮތި ކޮތަޅަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެކަން ކުރުމަށްޓަކައި ކުރީކޮޅު ދެތިން ދުވަހެއް ވަންދެން ކޮތަޅަކުން 1ރ. ނަގަން ފެށި ކަމަށާއި ނަމަވެސް އެކަމުގެ ހިތްހަމަނުޖެހުން ބޮޑުވެގެން ފަހުން ފޮތި ކޮތަޅު ހިލޭ ދޭ ގޮތަށް ބަދަލު ކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
“ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ފޮތި ކޮތަޅަށް އެބަ ލާރި ނަގާ. މިސާލަކަށް ދުބާއީގައި ބޮޑު ކޮތަޅަކަށް 8ރ. ނަގާ. މިއީ ރާއްޖޭގައި އެކަނި ހިނގާ ކަމެއް ނޫން. ސަރުކާރުގައި ހެޔޮ ނިޔަތެއް ނެތް މިކަން ހުއްޓުވާކަށް،” އޭނާ ވިދާޅުވި އެވެ.