ވެހިކަލްފީ ބަލައިގަނެވޭ ގޮތަށް މިހާތަނަށް ބ.އަތޮޅުން ތައްޔާރުވެފައިވަނީ ދަރަވަންދޫ ކައުންސިލުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އޭދަފުށީ ކައުންސިލުން އަދި މިކަމަށް ތައްޔާރު ނުވެ އެވެ.
މުޅިރާއްޖެއިން މިހާތަނަށް ވެހިކަލް ފީ ބަލައިގަނެވޭނެ ގޮތަށް ތައްޔާރުވެފައި ވަނީ 19 ކައުންސިލުންނެވެ.
މީގެކުރިން ވެހިކަލް ފީ ބަލައިގަންނަމުން ދިޔައީ މީރާ މެދުވެރިކޮށް ކަމަށް ވިޔަސް، ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އެ ފައިސާ ކައުންސިލްތަކަށް ޖަމާވާގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އެ ނިންމުމާ އެކު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މީރާ މެދުވެރިކޮށް ފީ ބަލައިގަތުން ވަނީ ހުއްޓާލާފައެވެ.
އެއްގަމު އުޅަނދުގެ ފީ އާއި ކަނޑުގައި ދުއްވާ އުޅަނދުގެ ފީ އާއި ޓްރެފިކް އަދި ޕާކިންގް ވަޔަލޭޝަން ޖޫރިމަނާ ފައިސާ މީރާ އަށް ބަލައިގަންނަ ގޮތަށް އޮންނަ ގަވާއިދަށް ބަދަލު ގެނެސް ފީތައް ބަލައިގަތުމަކީ ވެހިކަލް ރަޖިސްޓްރީވެފައިވާ ކައުންސިލެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ނިމިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް “ސަވާރީ ޕޭ” މެދުވެރިކޮށް އެ ފައިސާ ބަަލައިގަންނަ ގޮތަށް ނިންމާ، މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފީ ބަލައިގަނެވޭނެ އިންތިޒާމުތައް ކައުންސިލުތަކުން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ކައުންސިލްތަކަށް ފޮނުވިއެވެ.
“ސަވާރީ ޕޭ” މެދުވެރިކޮށް ދައްކާ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ ގޮތަށް ބަނޑޭރި ޕޭ ގާއިމުކުރުމަށް އެލްޖީއޭއިން ވެސް ކައުންސިލްތަކަށް އޭރު އަންގާފައިވާއިރު، މި މަހުގެ އެއްވަނަ ދުވަހަށް ބަނޑޭރި ޕޭ ގާއިމު ނުކުރާ ކައުންސިލްތަކުގެ ފައިސާ ޖަމާވާނީ ދައުލަތުގެ އާމްދަނީ އެކައުންޓަށް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި ބަދަލާ އެކު، އެއްގަމު އުޅަނދު ފީ އާއި ކަނޑުގައި ދުއްވާ އުޅަނދުގެ ފީ އާއި ޓްރެފިކް އަދި ޕާކިންގް ވަޔަލޭޝަން ޖޫރިމަނާ ފައިސާ ލިބޭނީ ކައުންސިލްތަކަށެވެ. މިކަމުން ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ.