ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ހަތް ރަށެއްގައި މުޖްތަމައަށް ފައިދާހުރި މަޝްރޫއުތައް ހިންގުމަށް ކޮންމެ ރަށަކަށް އެއްލައްކަ ރުފިޔާ ދޭން ނިންމައިފިއެވެ.
ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް ބައެއް މީޑިއާތަކަށް މިކަމާބެހޭ މައުލޫމާތު ވިދާޅުވީ މިއީ އަތޮޅު ކައުންސިލްގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. އަދި ފައިސާގެ އެހީތެރިކަން ދޭނީ އެކަމަށް އެދޭ ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ހަތް ރަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީގް ވިދާޅުވީ މި އެހީއަށް އެދި ހުށަހެޅޭނީ ހަމައެކަނި ރަށްރަށުގެ ކައުންސިލަށް ނޫންކަމަށެވެ.
“އެއީ ރަށްރަށުގެ ކައުންސިލްތައް، ރަށްރަށުގެ ޑަބްލިއުޑީސީ، ދެން މި އުޅެނީ ސަރުކާރުގެ މުއައްސަސާތައް ދެން ރަށްރަށުގަ ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދާ ކްލަބް ޖަމިއްޔާތަކަށް ވެސް ހުށަހެޅޭނެ،” އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންނަށް ފައިދާ ހުރި އިޖްތިމާއީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައި ވއެވެ.
“އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ މިކަމުގަ ވީހާވެސް ގިނަ ފަރާތްތަކުން ޝާމިލް ވެގެން ރައްޔިތުންނަށް ރަނގަޅު ޕްރޮޕޯސަލްތަކެއް އަޅުގަނޑުމެންނަށް ލިބުން،” ޝަފީގް ވިދާޅުވިއެވެ.