ބ.އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބ.އަތޮޅު ތައުލީމީ މަރުކަޒަށް 5 ވަތްގަނޑުގެ 15 ކަބަޑްސެޓް ހަދިޔާކޮށްފި އެވެ.
މިއަދު ހެނދުނު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އެސެމްބްލީގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ޕްރިންސިޕަލް އަހުމަދު ރަފީއު އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިތަކެތި ހަދިޔާ ކުރެއްވީ ރައީސް ޒީމާ އިބްރާާހީމް އެވެ.
އެސެމްބްލީގައި ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ އަންހެނުން ކޮމެޓީގެ މި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާ ކަމަށެވެ. އަދި ފަހަކަށް އައިސް އެކޮމެޓީއާއި ސްކޫލްއާއި ދެމެދު ރަނގަޅު ގުޅުމެއް ގާއިމު ކުރެވިފައިވާ ކަމަށާއި މިގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕްރިސްޕަލް ވިދާޅުވި އެވެ.
އޭގެ ހެއްކެއްގެ ގޮތުން މިމަހު އޭދަފުށީގައި އެކޮމެޓިން ހިންގި ހޭންޑް ބޯލް ކޯހުގައި ތައުލީމީ މަރުކަޒުގެ ޓީޗަރުން ބައިވެރި ކުރެއްވުން އޭނާ ފާހަގަ ކުރެއްވި އެވެ.
ޒީމާ ވިދާޅުވީ ސްކޫލަށް މިފަދަ އެހީއެއް ވުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހަމަ އެހެންމެ މިއީ ސީދާ އަންހެނުންގެ ކޮމެޓީާއި ގުޅުން ހުރި ކަމެއް ނޫން ނަމަވެސް އެމަރުކަޒުގައި ކިޔަވަމުންދާ ކޮންމެ ދަރިވަރަކީވެސް އަޅުގަނޑުމެންގެ ދަރިން ކަމަށް ވާތީ އެކުދިންނަށް ޓަކައި ވެދެވުނު އެހީއެއް ކަމަށެވެ. މިއެހީގެ ސަބަބުން ދަރިވަރުން އުފުލަމުން ގެންދާ ބަރު ދަބަސް ކޮންމެވެސް ވަރަކަށް ލުއިވެގެން ދިއުމާއި އޭގެ ބަދަލުގައި އެފޮތްތައް ރައްކާތެރިކަމާއެކު މި ކަބަޑްތަކުގައި ބެހެއްޓޭނެ ކަމުގެ އުފާވެރި އިހުސާސް ކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.
އޭދަފުށީ އަންހެނުންގެ ކޮމެޓީ، މި ދައުރަށް އިންތިޚާބު ވީ ފަހުން އެކޮމެޓީން އަންނަނީ އަންހެނުންގެ ތަރައްގީއަށް މަސައަކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފާއިތުވީ ކޮންމެ މަހަކު ވެސް އަންހެނުންގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުން ހުރި އެކްޓިވިޓީއެއް ހިންގައެވެ. ޒީމާ ވިދާޅުވީ ކޮމެޓީން މިހާރު ތައްޔާރުވަމުން ދަނީ އޭދަފުށީ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ކަމުގައެވެ.
މިއީ ކާބޯތަކެތި ހެއްދުމާއި އުފެއްދުމަަށް ހިތްވަރު ދިނުމުގެ ގޮތުން މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.