
ގަރެތު ބޭލް. މިދިޔަ ސީޒަންގައި ރެކޯޑް ޓްރާންސްފާފިއަކަށް ރިއާލް މެޑްރިޑަށް ވަނީ ބަދަލުވެފައި. / ފޮޓޯ އޭޕީ
އިނގިރޭސިވިލާތުގެ ސައުތްހަމްޓަން އިން ފުޓްބޯޅަ ކެރިއަރ ފެށި ވޭލްސް ގެ ގަރެތު ބޭލްއަކީ މިހާރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އުމުރުން އެންމެ ނުވަ އަހަރުގައި ކާޑިފްގެ ސިވިލްސަރވިސް ކޮމިޝަންގެ ޓީމަށް ސިކްސް އަ ސައިޑް ފުޓްބޯޅަ މުބާރާތެއްގައި ކުޅެނިކޮށް ސައުތްހަމްޓަން އިން ބޭލް އަށް ޝައުގުވެރިކަން ފާޅުކުރި ހިސާބުން އެކްލަބަށް އޭނާ ގެންދިޔައެވެ. ކާޑިފްގެ ވިޓްޗާރޗް ސްކޫލްގައި ތަޢުލީމް ހާޞިލްކުރިއިރުވެސް ބޭލްއަކީ ކުޅިވަރަށް ޚާއްޞަ ސަމާލުކަމެއް ދިންދަރިވަރެކެވެ.ފިސިކަލް އެޑިއުކޭޝަން، މި މާއްދާއަށް ބޭލް ހުރި ޝައުގުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން 2005 ވަނަ އަހަރު ސްކޫލް ދައުރު ނިންމާލިއިރު ބޭލް ވަނީ އެ މާއްދާއިން “އޭ” ރިޕޯޓް ހޯދާފައެވެ. މީގެ އިތުރުން ސްކޫލްގައި އުޅުނު ދުވަސްވަރު، ބޭލް ކުޅިވަރަށް ބެހެއްޓީ ޝައުގުވެރިކަން ފާހަގަކޮށް އެ ސްކޫލްގެ ފިސިކަލް އެޑިއުކޭޝަން ޑިޕާޓްމަންޓުން ވަނީ ޚާއްޞަ އިނާމެއްވެސް މި ކުޅުންތެރިޔާއަށް އަރުވާފައެވެ.
ސައުތްހަމްޓަން ގައި ވާތު ބެކަށް ކުޅެންފެށި ބޭލްގެ ކުޅުން ފެނުމުން 2007 ވަނަ އަހަރު 7 މިލިއަން ޕައުންޑަށް އޭނާ އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ގެންދިޔައެވެ.ބޭލްގެ ބާރު ދުވުމާއި، ގޯލް ކުރިމައްޗައް ނަގައިދޭ ހުރަސްތަކުގެ މޮޅުކަމުންކޯޗުން އޭނާ ބޭނުންކުރަންފެށީ އެޓޭކަށް އަރާކުޅުންތެރިއެއްގެ ގޮތުގައެވެ. މިކަން އޭނާ އެންމެ ރަނގަޅަށް ސާބިތުކޮށްދިނީ ޗެމްޕިއަންސް ލީގުގައި އިންޓަމިލާން ކޮޅަށް ހެދި ހެޓްރިކުންނެވެ. ޓޮޓެންހަމްގައި އޭނާ ދައްކަމުންދިޔަ މޮޅު ކުޅުން ފެނި ޔޫރަޕްގެ ބޮޑެތި ކްލަބްތައް ބޭލްއަށް ބޮޑު ހަރަދެއް ކުރަން ތައްޔާރުވީ މިސަބަބާއި ހުރެއެވެ. މިހާރު އުމުރުން 24 އަހަރުގެ ބޭލްއަށް އެންމެ ބޮޑަށް ޝައުޤުވެރިކަން ފާޅުކުރި ރިއަލް މެޑްރިޑުން އޭނާ ގެންދިޔައީ ރިޕޯޓްތައް ބުނާގޮތުން 85.3 މިލިއަން ޕައުންޑަށެވެ.
މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެއްޓީމެއްގައި ކުޅެމުން އަންނަ ބޭލް ދަނީ އެކްލަބްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް އަނިޔާގެ މައްސަލަތަކާއި ހެދި ރިއަލް މެޑްރިޑްގެ މުހިއްމު ބައެއް މެޗްތައް އޭނާއަށް ދަނީ ގެއްލެމުންނެވެ.
ޢާއިލާއާއި އެކު ބޭލް މިހާރު އުޅެމުންގެންދަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑްގައެވެ. ސްކޫލް ދުވަސްވަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެއްމަ ޖޯންސް އާއި އެކު މެޑްރިޑްގައި ދުވަސްތައް ހޭދަކުރަމުންދާ ބޭލްއަށް މިހާރު ވަނީ އަލަތު ދަރިއަކު ލިބިފައެވެ. އަލްބާ ވައިލެޓްގެ ނަމުން ނަންދެވިފައިވާ ބޭލްގެ ދަރިފުޅު އުފަންވީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު ވޭލްސް ގެ ކާޑިފްގައެވެ.