މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) އިން ބުނި ގޮތުގައި މިއަދު 12:00 އިން ފެށިގެން އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ވަނީ ފަށާފަ އެވެ.
އޯލެވެލް އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނަތީޖާ ދޫކުރާނީ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުންނެވެ.
މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނު 236 ސެންޓަރެއްގައި 5936 ދަރިވަރުން ފުރިހަމަކޮށްފަވެއެވެ. އަދި 233 ސެންޓަރެއްގައި އެސްއެސްސީ އިމްތިހާނު ހަދާފައިވާއިރު، 5640 ދަރިވަރުން އެ އިމްތިހާނުގައި ވަނީ ބައިވެރިވެފައިވެ އެވެ.
އިމްތިހާނުގެ ނަތީޖާގައި މައްސަލައެއް ފާހަގަވާނަމަ އެ މައްސަލައެއް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މިމަހުގެ 21 އިން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މައްސަލަތައް ބަލައިގަތުމަށް ޑީޕީއޭ އިން ނިންމާފައިވެ އެވެ.








