ވަޒީފާ ދޭ ފަރާތުން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ނުދޭނަމަ އަމަލުނުކުރާނަމަ އެކަން، ކަމާއި ބެހޭ ފަރާތްތަކަށް އެންގުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިގޮތަށް އެދިވަޑައިގަތީ މިނިމަމް ވޭޖުގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންދާތީ އެކަމާ ބެހޭ ގޮތުން “ރަސް އޮންލައިން” އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުނެނެވެ.
ފައްޔާޒު ވިދާޅުވީ މިފަދަ ޝަކުވާއެއް މިހާތަނަށް ރަސްމީކޮށް ލިިބިވަޑައިގެންފައި ނުވާކަމަށެވެ. ނަމަވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތް ނަމަ ޕެންޝަން ރަޖިސްޓްރީ އަދި އެކްސްޕަޓް ރަޖިސްްޓްރީން ފޯމިއުލާއަށް ބަލާފައި އެއީ ކޮން ގިންތިއަކަށް ފެތޭ ވިޔަފާރިއެއް ކަން ދެނެގަނެވޭނެ ކަމަށެވެ. އެހެންކަމުން ވަޒީފާ ދޭ ފަރާތުން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ދިނުމާއި ގުޅޭ އުސޫލުތަކަށް އަމަލު ނުކުރާނަމަ އެކަން ކަމާއި ބެހޭ ފަރާތްތަކަށް އެންގުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
ރާއްޖޭގައި މިނިމަމް ވޭޖް ތައާރަފްކުރިއިރު އެންމެ ކުދި ފަންތީގެ ވިޔަފާރިތައް އެކަމުން އޮތީ އިސްތިސްނާކޮށްފައެވެ. އެހެންކަމުން އެންމެ ކުދި ފަންތީގެ ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދަށް ފައިސާ ދޭކަށް ނުޖެހޭނެއެވެ.
ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގައިވާ ގޮތުން އެންމެ ކުދި ފަންތީގެ ވިޔަފާރިއެއް ނުވަތަ މައިކްރޯ އެންޓަޕްރައިޒް ގޮތުގައި ބަލާނީ، އެ ވިޔަފާރީގެ ޖުމްލަ އާމްދަނީ އަހަރެއްގެ މައްޗަށް 500000 އަށްވުރެ މަތި ނުވާ އަދި ސާފު ފައިދާ 75000 ރުފިޔާއަށް ވުރެ މަތި ނުވާ ވިޔަފާރި ތަކަށެވެ.
މިނިމަމް ވޭޖް އެންމެ ދަށްކޮށް ދޭން ޖެހޭނީ މަހެއްގެ މައްޗަށް 4500 ރުފިޔާކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ އެންމެ ކުދި ފަންތީގެ ވިޔަފާރިތައް ފިޔަވައި ދެން ހުރި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ވިޔަފާރި ތަކުން ދޭން ޖެހޭ މިންވަރެވެ. އަދި މިއީ ކުދި ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނާގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިވިލް ސަރވިސް ފިޔަަވައި ދެން ތިބި ފަރާތްތަކުން މިނިމަމް ވޭޖް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުން ސަލާމަތްވާން ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެ ވިޔަފާރިއަކީ ކުޑަ ވިޔަފާރިއަކަށް ދެއްކުމަށް މަސައްކަތް ކުރާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.