ވޭތުވެދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދަށްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއިން ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައިވަނީ 771 މީހުންނެވެ. މިއީ މީގެ ކުރީ ދެ ހަފްތާއާއި އަޅާ ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. މީގެ ކުރީ ދެ ހަފްތާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދުތައް ހުރީ 1000 އިން މަތީގައެވެ.
މިދިޔަ ހަފްތާގައި ރާއްޖެއިން އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެގޮތުން އަތޮޅުތަކުން ޖުމްލަ 304 މީހުން ކޮވިޑަށް ޕޮޒިޓިވް ވިއެވެ.މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 192 މީހުން ކަމަށެވެ.
އެއާއެކު ކޮވިޑް ޖެހިގެން އެޑްމިޓް ކުރަމުންދާ މީހުންގެ އަދަދުވެސްވަނީ ދަށްވެފައެވެ. މިދިޔަ ހަފްތާގައި ޕޮޒިޓިވްވެގެން އެޑްމިޓް ކުރީ 31 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދުވަނީ 183491 އަރާފައެވެ.