ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް އިތުރު 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުން ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބުނު އިރު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޓީޖީއެސްޓީ އަށް ލިބުނު އަދަދަށް ހަތަރު ޕަސެންޓު އިތުރު ކުރުމުން ޓީޖީއެސްޓީން 1.5 ބިލިއަން ރުފިޔާ އިތުރަށް ލިބެ އެވެ. އަދި ޖީއެސްޓީ އަށް އިތުރު 850 މިލިއަން ރުފިޔާ ލިބެ އެވެ. ޓެކްސް އަށް ގެންނަ އާ ބަދަލުތަކާ އެކު ޓީޖީއެސްޓީން ލިބޭ އާމްދަނީ ހަ ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. އަދި ޖީއެސްޓީ ތިން ބިލިއަނަށް ވުރެ މައްޗަށް އަރާނެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެ ކޯވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެ ކަމަށެވެ.
އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ.
ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކާ އަޅާބަލާއިރު ދަށްކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.