ބޮޑުއީދު ފާހަގަ ކުރުމަށް 60އަހަރު ފަހަތަށް!

DSCN0655.jpg

ގައްޔޫމް ނަސީރު

އޭދަފުށީގައި ބޮޑުއީދު ފާހަގަ ކުރަން މިފަހަރު މިދަނީ އޭދަފުށީ މީނާޒް، އަލީ އަބޫބަކުރާ އެކު 60 އަހަރު ފަހަތަށެވެ. އުމުރުން 80ގެ އަހަރުތައް ގުނެމުންދާ އަލީ އަބޫބަކުރަކީ ބ.އަތޮޅާއި އޭދަފުށީގެ ތާރީޚުގައި މުހިއްމު ނަމެކެވެ. ތަފާތު އެތައް ދާއިރާއެއްގައި ސާޅީހަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. އެ ދިގު ދަތުރު ނިންމަވައިލެއްވުމަށްފަހު މިހާރު އަލީގެ ހިމޭން ދުނިޔެ އޮތީ ގޭގެ ހަތަރު ފާރުން އެތެރޭގައެވެ.

އަލީ އާއި އެކު ބޮޑުއީދު ފާހަގަކުރުމަށް 60 އަހަރު ފަހަތަށް ޖެހިލާއިރު އޭނާގެ ޒުވާން އެޒަމާން ކުރު އިބާރާތަކުން ސިފަކޮށްދެއްވީ “އޭ ޒަމާނާ ވަގުތު ދިޔައީ ހާދަ ނުފިލާ ހަނދުމަތަކެކޭ“ ބުނެލާފަދަ ގޮތަކަށެވެ. ފަހުރުވެރި ތާރީޚަކާއި އޭނާގެ ޒުވާން ދައުރުގެ ފޮނި ހަދާންތަކާއެކު އެވެ. އެއީ އޭނާގެ ރަން ޒަމާނެވެ. އޭދަފުށީގެ ރަން ޒަމާނެވެ. މި ފަސްގަނޑުގައި ދިރި ތިބިންނަށް ދެން ދުވަހަކުވެސް ނުފެންނާނެ ފަދަ ހިތްފަސޭހަ އަމާން އޭދަފުއްޓެކެވެ.

”އެއޮތް އެކުވެރިކަމެއް ތާއެވެ. އެއްބައެއް ވަންތަ ޒަމާނެއް ތާއެވެ. އެކަކު އަނެކަކަށް އެހީވުމުގައި އެދެއްކި ރީތި މިސާލެއް ތާއެވެ. ރަށްދެކެ އޮތް އަމިއްލަ އެދުމެއް ނެތް ސާފުތާހިރު ލޯތްބެއް ތާއެވެ. އެކަންކަން ހިތަށް އަރުވައިލިޔަސް ގައިން ހީބިހި ނަގައިގެން ދޭ. މިއަދާ އަޅާކިޔާއިރު ދެލޮލުން ކަރުނަ އަންނަ ވަރުވޭ.” އަލީ ވިދާޅުވިއެވެ.

”އަޑުއަހާ. މައިންބަފައިންގެ ހުރިހާ ދަރިންނާއި އެމީހުންގެ ފިރިންނާއި އަނބިން އެއްތެލީގަ ކައްކައި ކައިބޮއި އުޅުނީ. މިހާރު މިއުޅެނީ ދެމަފިރިންނަށް ވެސް އެއްތެލީގައި ނުކެއްކިގެން. އެކުވެރި ކަމެއްނެތް. “އެޒަމާނުގައި އާއިލާ ތަކުގެ މެދުގައި އޮތް އެއްބައިވަންތަކަން އަލީ ސިފަކޮށްދެއްވީ މިގޮތަށެވެ.

ކޮންމެ އީދެެއްގައިވެސް މައުނަވީ ގޮތުން ރައްޔިތުން ދައްކައިދީފައިވަނީ އެކުވެރިކަމާއި އެއްބައެއް ވަންތަ ކަމެވެ. އީދު ކުޅިވަރު ތަކުގައި އަދި މީހުންގެ އުޅުމާއި ގުޅުންތަކުންވެސް ފާޅުވެގެން ދަނީ މިމާތް ސިފައެވެ. ބޮޑުއީދަށް ރައްޔިތުން ތައްޔާރުވަނީވެސް މިކަންކަމަށް އިސްކަން ދީގެންނެވެ.

 

ގޯތިގޯއްޗަށް ދޮންވެލިލައި އީދަށް ކުޅިވަރު ކުުޅުމަށް ބޭނުންވާ އާލާތްތައް ހަމަކުރުމަށް ޒުލްގައިދާ މަހަށް ހަނދު ބެލުމާއެކު ތައްޔާރުވާން ފަށައެވެ. އަންހެން ވެރިންގެ މައިގަނޑު މަސައްކަތަކަށް އޮނާނަނީ އީދަށް ހެދިކާ ހެދުމެވެ. އެއީ ދުރުތާ ތިމާގެ މީހުންނަށާއި ރަށުން ބޭރުގައި ތިބި ރައްޓެހިންނަށް ދޭ އީދު ހަދިޔާއެވެ. އޭގެ ތެރެއިން ފާހަގަކުރެވެނީ އެކި ބައްޓަމަށް ހަދާފައި ހުންނަ އުޅާއްޔާއި އޭދަފުށީ އަންހެނުން ހަދާ ކުޅިރުއްބުޑު ފަދަ ތަފާތު މީރު ހެދިކާ އެވެ.

ޒުވާނުން އެކި ގްރޫޕްތަކަށް ބެހެވި ކޮންމެ ގްރޫޕަކުންވެސް ބައިވަރު ކަންތައް ތަކެއް ކުރަން ރާވައެވެ. ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ކުޅިވަރު ތަކަށް އިސްކަން ދެއެވެ. އީދު ފޯލި، ކުއްލި، ފިލާފޮތިބޯޅަ، ފުޓުބޯޅަ ފަދަ ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ބޯޅައާއި ބެޓް ފަދަ ތަކެއްޗަކީ ވިއްކަން ހުންނަ އެއްޗިއްސެއް ނޫނެވެ. އެތަކެތި ޖެހެނީ އުފައްދާށެވެ. މިސާލަކަށް އީދު ފޯލި، ކުއްލި ފަދަ ކުޅިވަރު ކުޅުމަށް ބޭނުންވާ ފޯއްޔަކީ ވަލުން ދަނޑި ކަނޑައިގެން ހަދާ އެއްޗެތިކަމަށް އަލީ ވިދާޅުވި އެވެ

”މަހަކަށްވުރެ ކުރިން އެކަމަށް ތައްޔާރުވާން ފަށާނެ. ފޯލި ބުރިކުރުމަށް ވަލުން ދަނޑި ކަނޑައިގެން ތިން އިންޗި ހުންނަ ވަރަށް ބުރިކޮށް ގޯނިގޯންޏަށް އަޅާފައި ހުންނާނީ .“

އީދު ވިލޭރެއާއި އީދު ދުވަސް

ބޮޑުއީދު ވިލޭރެއަކީ މުޅި އަހަރުދުވަހަށް ބަލާއިރު ވެސް އަންްނާނެ އެންމެ އުފާވެރި ރެެއެވެ.

”ބައިބަޔަށް ގުރޫޕްތައް ހަދައި އީދު ބޯކިބާ އަޅާނެ. އީދު ހުޅުޖެހުމާއި އީދު ބަޑިޖެހުމާއި އީދު ވިލޭރޭ ފާހަގަކުރަން ކުދިކުދި ހަރުގެތައް އެޅުން ފަދަ ހަރަކާތްތަކުގައި ޒުވާނުންގެ ހުރި ހުރިހާ ހިތްވަރެއް ނެރެ ދައްކާނެ. ބައެއް ގްރޫޕްތައް ނިދާނީވެސް އެ ހަރުގޭގައި. އަނެއްބައި ކުދިން ނުނިދައި މުޅި ރޭ ހޭދަކުރަނީ އެ ހަރުގޭގައި މަޖާކުރުމުގައި.“

އީދު ވިލޭރޭ ފަދަ ބޮޑެތި ރޭތައް ފާހަގަކުރަން މިހާރު ހަވާ އެރުވިޔަސް އޭގެ ބަދަލުގައި އޭރު އޮންނަނީ އީދު ހުޅުޖެހުމެވެ. ރަށުގެ އަތިރިމަތީގައި ހިކި ފަން ރޮއިކޮށްގެންނެވެ. އަލީ ވިދާޅުވާގޮތުން މިކަން ކުރާއިރު މުޅި އެސަރަހައްދު އޮންނާނީ އަލިވެ އުޖާލާ ވެފައެވެ.

”އަލިފާނުގެ ކުޅިވަރުގެ ތެރޭގައި ފަޓާސް ޖެހުމަކީވެސް އީދު ފާހަގަކުރުމުގެ ގޮތުން ވަރަށް ފޯރިއާއެކު ކޮށްއުޅުނު ކަމެއް. އެއްބަޔަކު އަނެއް ބަޔަކާ ވާދައަށް ބޮޑެތި، ބާރުގަދަ ފަޓާސް މާލެއިން ގެންނާނެ. ހާއްސަކޮށް ލޮނުމެދު ފަޓާސް. އޭގެ ފީތާގައި ރޯކުރުމަށްފަހު އަވަސްއަވަހަށް ގެރިކިރު ހުސްކުޅި ދަޅެއް ފަޓާސްގެ މަތީގައި ބަންޑުން ބާއްވައިގެން ގޮއްވާލާނީ. ހީވާނީ ބާރުގަދަ ރޮކެޓް ބަޑިއެއްގެ އަޑު އިވޭހެން. އޭގެ ބާރު އަޑުން މުޅި ސަރަހައްދަށް ސިހުން ގެނުވާނެ. ހަމައެހެންމެ އިންޑިޔާގައި މިހާރުވެސް ދީވާލީތަކުގައި ބޭނުން ކުރާ އަލިނަރު ގެނެސް އީދުވިލޭރޭ އަލިނަރު ހިފައިގެން ދުވުމަކީ ވެސް ކޮށް އުޅުނު ކަމެއް.“އީދުގެ ހަނދާންތައް އާކުރަމުން އަލީ ކިޔައިދެއްވި އެވެ.

ރާއްޖެއަށް ފަޓާސް އެތެރެކުރުން މަނާކުރީ ނޮވެމްބަރު 88 ގެ އުދުވާނީ ހަމަލާއަށް ފަހު އެވެ.

އީދު ދުވަހު ފަތިސް ނަމާދުން ނިމިގެން ރަށު ތެރެއިން އިވޭނީ ކުކުޅު ގޮވާ އަޑެވެ. އެއީ އީދު ދުވަހު އުލްހިޔާ ކަތިލުމުގެ ގޮތުން ރަށުތެރެއިން ކުކުޅު ހިފަން ރައްޔިތުން ނުކުތީއެވެ. ހަމަ ކޮންމެ ގެއަކުވެސް ކުކުޅެއް ނޫނީ ހާލެއް ކަތިލާނެ އެވެ. ކަތިލުން އޮންނާނީ އަތިރި މަތީގައި މޫދާ ކައިރީގައެވެ

އަލީ ވިދާޅުވި ގޮތުގައި ކުކުޅު ކަތިލާނީ ރަށުގެ މުދިމު ނޫނީ އެފެންވަރުގެ މީހުންނެވެ. އޭރު އެކަން ކުރަނީ މުދިންބެ އިބްރާހީމް އާއި މުދިމް މާއްޑު ޔޫސުފެވެ.

”ކުކުޅު ހާލަކީ އޭރު ބަންޑާރަ އެއްޗެއް. ވަލުތެރެއާއި އަތިރި މަތީގައި އުޅޭ އެތަކެތި ހިފަންވީ ހަމަ ކޮންމެ މީހަކުވެސް. “އަލީ ވިދާޅުވީ އެއީ އޭނާވެސް ކޮށް އުޅުނު ކަމެއް ކަމަށެވެ.

އީދު ނަމާދުން ނިމިގެން ދެން އޮންނާނީ މިހާރެކޭވެސް އެއްފަދައިން އީދު ސައެވެ. ކޮންމެ ގެއަކުވެސް ވަރަށް މީރުކޮށް ބައިވަރު ހެދިކާތަކާއެކު އީދު ސަޔަށް އިންސާފު ކުރާނީ މުޅި އާއިލާވެސް ބައިވެރި ކޮށްގެންނެވެ.

އީދުގެ އެންމެ ޚާއްސަ ކަމަކީ އީދު ދުވަހުގެ މެންދުރު ނަމާދަށް ފަހު އޮންނަ އީދު ސަލަވާތް ކިޔެވުމާއި އީދު ކެއުމެވެ. .

”މަދުވެގެން ހަތަރު މީހުންގެ ޖަމާއަތަކާއެކު އީދު ސަލަވާތް ފާތިހާ ކިޔަވާނީ. ބިދުއަ އެއް ނުވަތަ ޚުރާފާތެއް ކަމެއް ނޭގޭ ހާލު ދުންދަނޑި ޖަހައިގެން ނުވަތަ ދުން މުޖުމަރާ އަކަށް އަލިފާން އަޅައިގެން އޭގެ ތެރެއަށް ކެލައާއި ބޮކަރު ނޫނީ ކަނޅަގާރި ފަދަ މީރުވަސް ދުވާ އެއްޗެއް އަޅާނެ. އެއިން ދުން ބުރުވައިގެން އެކަން ކުރާނީ.“

ސަލަވާތް ފާތިހާ ކިޔަވައިގެން އޮންނާނީ އީދުދުވަހު މެންދުރަށް ޚާއްސަކޮށް ކައްކާފައިވާ ކެއުމަށް އިންސާފުކުރުމެވެ. ވަރަށް ގިނަ ގޭގައި ހުންނާނީ ކޭމެއްގެ ގޮތަށް މަލާފަތް ހަދާފައެވެ. ރޯސްކުރި ކުކުޅާއި ދިރިފިޔާލި ބަތާ، ކަނޑުކުކުޅާ އެކި ވައްތަރުގެ ސަޓަންޏާއި ހެދިކާއިން ފުރިފައި އޮންނަ ބޮޑު ކޭމެކެވެ. އެންމެ ވައްތަރުވާނީ ރަށްރަށުގެ ބޮޑުމާލޫދަށް ތައްޔާރު ކުރާ ކޭމަކާއެވެ. އޭގައި ހުންނަ ހުރިހާ އެއްޗެއް ނަން ހުސްކޮށް ހުންނާނެއެވެ.

އީދުކުޅިވަރު ފެށުނީއެވެ. އެއްބަޔަކު ފިލާފޮތި ބޯޅަ ކުޅެމުން ދާއިރު އަނެއް ދިމާލުގައި އެހެން ބަޔަކު ކުއްލި ކުޅެނީއެވެ. ކަށި ކުޅުމާއި ތިން މުގޯއްޔެވެ. ތަފާތު އެތައް ކުޅިވަރެވެ. ދިވެހި އަމިއްލަ ކުޅިވަރު ތަކެވެ. ހަވީރުވެގެން އަންނައިރު ވަދެވޭ ކުޅުމާއި ފަން ކުޅުން އަދި ހިރި ކުޅުމާއި މިކަހަލަ އެތައް ކުޅިވަރަކުން ރަށު ތެރޭގައި އޮންނާނީ އަޖައިބެއް ކަހަލަ އުފާވެރި ހަޅޭކުގެ އަޑާއި ހިނިތުންވުމުން ޖައްވު ގުގުމާލާފަ އެވެ. މަޣްރިބް ނަމާދު ބަންގިއަށް ކުޅުން ހުއްޓާލާފައި އަލުން ފަށާނީ އިޝާއަށް ފަހު އެވެ. އީދުގެ އެގާރަ، ބާރަ ވިލޭރޭގެ މިލަ ހަނދުވަރުގައި އަންހެންކުދިން އުޅޭނީ ގަނޑު ފިއްލާ އާއި ފީކޯތް ކުޅުމުގައެވެ.

ކޯޑިޖެހުމަކީ އީދު އީދެއްގެ ގޮތުގައި ފުރިހަމަ ކުރުން ބޭނުންވާ ރުކުނެކެވެ. ދިވެހިންގެ މި ސަގާފީ ކުޅިވަރު ކުދިކުދި ބަދަލާއެކު މިހާރުވެސް ގިނަ ރަށްރަށުގައި ކުރިއަށް ދެއެވެ.

ބޮޑުއީދުގެ ހަތަރުދުވަހުގެ ތެރޭގައި ކުޅޭނީ އެއް ކުޅިވަރުތަކެއް ނޫނެވެ. ކުރުފަލި ޖެހުމާއި ތާރަ ޖެހުމާއި ދަފި ނެގުމަކީވެސް ޚާއްސަކޮށްލެވޭ ދިވެހިސަގާފީ ރީތި ކުޅިވަރު ތަކެކެވެ. މިކުޅިވަރުތައް 50ގެ އަހަރު ތަކުގައި ގަދައަށް ކުޅެއުޅުނެވެ. މުލަންމާގެ މޫސާ މުހައްމަދާއި ދޫރެސް އިބްރާހީމް އަހްމަދާއި ހިކިއުނިމާގޭ ނަސީރުމެން ފަދަ މީހުންނަކީ އޭދަފުށީގައި ދަފި ނެގުމުގެ ކުޅިވަރުތަކުގައި އެންމެ ހިނގާ ނަން ނަމެވެ.

“ދަފި ނެގުމާއި ބޮޑުބެރު ޖެހުމާއި މި ނޫނަސް މިކަހަލަ ހުރިހާ ކުޅިވަރުތަކެއް ކުޅުވުމުގައި އިސްކޮށް އުޅުނީ ކޮއްކޮބެ އަހަންމަދާއި ކޮއްކޮބެ ޒަކަރިއްޔާ.“އަލީ ވިދާޅުވިއެވެ.

އީދަކީ އުފާ ކުރުމެވެ. އީދަކީ އެކަކު އަނެކަކާއި ބައްދަލުވެ އެކުވެރިކަމާއެކު ހީސަމާސާ ކޮށްލައި އުޅުމެވެ. މިތުރުން ހަތުރަށް ވުމުގެ ފުރުސަތު ހަނިކޮށް އެންމެން އެއްބައެއްް ވަންތަކަން ދެއްކުމުވެ. މި ހުރިހާ ކުޅިވަރަކުން ވެސް އެނގި ފާޅުވެގެން ދަނީ މިކަންކަމެވެ. ހިތާމައަކީ އަހުރެމެންގެ މި ސަގާފީ ރީތި ދިވެހިވަންތަ ދިވެހިންގެ އަމިއްލަ މި ކުޅިވަރުތަކަކީ މާޒީކަމުގައި ބަލަން ޖެހުމެވެ. އެ ކުޅިވަރުތައް އަލުން ދިރުވައި އާލާކުރާނެ ބަޔަކަށް މިލޮބުވެތި ފަސް ގަނޑު އެބަ ގޮވައެވެ. އެކަމަށް އިސްނަގައިގެން އުޅުނު ކޮއްކޮބެ އަހަންމަދަކާއި ކޮއްކޮބެ ޒަކަރިއްޔާ ތަކެއް އުފެދެން ވެއްޖެއެވެ. އެފަދަ ޖީލެއް އުފެއްދުމަށް ، ކްލަބް ޖަމާއަތްތަކާއި ވަކި ފަރުދުން އަތުގުޅާލަމާ ހިންގަވާށެވެ!.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top