އެމްޕީ އަލީހުސޭންއެވެ. ދާއިރާގެ ރައްޔިތުންނަށް އޮޅުވާނުލައްވާށެވެ!.

ކެންދޫ ދާއިރާގެ މެންބަރު އެމްޕީ އަލީ ހުސޭން.

ކެންދޫ ދާއިރާގެ މެންބަރު އެމްޕީ އަލީ ހުސޭން.

ނޯޓް : މިއީ ކެންދޫ ދާއިރާގެރައްޔިތަކު ނަން ނުޖެހުމަށްއެދި މިނޫހުގައި ޝާއިއުކޮށްދިނުމަށް ފޮނުވާފައިވާ ލިއުމެކެވެ.

 

އެންމެ ފުރަތަމަވެސް އެމްޕީ އަލީއަށް ދަންނަވާލަން ބޭނުންވަނީ ރޭ ދިޓީވީއަށް އަރުއްވައިގެން އިންނަވައި ދާއިރާގެ ރައްޔިތުންނަށް މާ ހެޔޮއެދޭ ބޭފުޅެއްގެގެގޮތުގައި ހެދިގެން އެދެއްކެވި ވާހަކަތައް އަޅުގަނޑުމެންނަށް ހަޖަމު ނުކުރެވުނު ވާހަކައެވެ. ސަރުކާރުދެކެ ކިތަންމެ ރުޅިއަޔަސް ހަގީގަތަށް ވާހަކަ ދައްކަވާށެވެ.

ދާއިރާގެ ރަށްތަކުގެ ރައްޔިތުންގެ ތާއީދުހޯއްދެވުމަށް އެރަށްރަށުގެ ނަން ވަކިވަކިން ކިޔައިގެން އެދެއްކެވި ވާހަކަތަކަކީ އެކަމުން ދާއިރާގެ ރައްޔިތުންގެ ހިތުގައި ޝައްކާ ވަހުމް އުފެއްދުމަށް ދެއްކެވި ވާހަކަ ތަކެއްހެން ހާދަހާ ހީވެއެވެ. މަނިކުފާނުގެ އަމަލުތައް ހުންނަގޮތް ގާތުން ދެކޭ މީހަކަށް ވާތީ އެގޮތަށް ހީކުރެވެނީއެވެ. މަނިކުފާނުގެ ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށް މަނިކުފާނުގެ އަމިއްލަގޮތުންވެސް އަދި ސަރުކާރު މެދުވެރިކުރައްވައިގެން ވިޔަސް މަނިކުފާނު ކުރެއްވިކަމެއް ދާއިރާގެ ރައްޔިތުންނަށް ވިދާޅުވެބައްލަވާށެވެ.

ދެންއޮތީ އަމިއްލަ ރަށުގެ ވާހަކައެވެ. މަނިކުފާނު ތިޔަ މަގާމަށް ގެނެސްދިނުމުގައި އެންމެ ބޮޑު އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އެމީހުންނެވެ. އެހެންނަމަވެސް މަނިކުފާނުގެ އެކުވެރިންނާއި ގާތްތިމާގެ މީހުންނާއި ހެޔޮއެދޭ އެންމެންގެ ހާޒިރުގައި މަނިކުފާނުގެ އުފަންރަށުގެ އަންހެންކަނބަލަކު ކުރި ސުވާލެއް ހަނދުމަފުޅު ހުންނާނެކަމެއް ނޭނގެއެވެ. އެކަމަކު ހަމަ ގައިމުވެސް އަޅުގަނޑު އެހަނދާން އެބަހުއްޓެވެ. މަނިކުފާނު ހޮވިއްޖެނަމަ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ނުކުންނާނަންތޯ ސުވާލު ކުރުމުން ޖަވާބުގައި އެކަން އެގޮތަށް ނުކުރާނެކަމުގައި އެއެންމެންހާޒިރުގައި ވިދާޅުވީމުއެވެ. އެހެންނަމަވެސް މަގާމުގެ ހުވާ ކުރެވުމާއެކު މަނިކުފާނުގެހިތް އާސްމާނަށް އަރައިގެންގޮސް މަނިކުފާނު ކޮންމެ ވާހަކައެއް ދެއްކެވިޔަސް އައްރަޙްމާން ސޫރަތް ފަށައިފިނަމަ ފަބިއައްޔިއަށް ނިމޭފަދައިން ނިމޭނީ ސަރުކާރަށް ފާތިހާ އަޅާފައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މަނިކުފާނު ބަދަލުވީ މަޖްލީހުގައި އިންނެވި ސަރުކާރާ އެންމެ ދެކޮޅު އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި އެންމެ ބޮޑަށް ދެކޮޅުހައްދަވާ އިއްޒަތްތެރި މެންބަރުގެ ގޮތުގައެވެ.

އަޅުގަނޑުވެސް ގަބޫލު ކުރަމެވެ. ސަރުކާރުން ކުރާ ކަންތަކަށް ފާޑު ކިޔަން ޖެހޭނެއެވެ. ސަރުކާރުން ކުރާ ހުރިހާ ކަމެއް ކުރަނީ ރަނގަޅަކަށްވެސް ނޫނެވެ. ގޯސްކޮށް ހިނގާކަންކަން ގޯސްކަމުގައި ފާޅުގައި ބުނަންވެސް ކެރެންވާނެއެވެ. އެކަމަށް މަނިކުފާނުވަރެއް ހަމަ ނެތެވެ. އެކަމަކު ސަރުކާރުންކުރާ ހުރިހާކަމަކީ ގޯސްކަންތަކެއް ނޫނެވެ. މަނިކުފާނަށް މީޑިއާއަކުން ފުރުސަތެއް ލިބިއްޖެ ނަމަ އެންމެ ފުރަތަމަވެސް ކުރައްވާކަމަކީ ސަރުކާރަށް ކުރުދޮށިން ދިނުމެވެ. ކޮންމެވެސް ކަމަކާ ހުރެ މަނިކުފާނުގެ ހިތުގައި ސަރުކާރާމެދު އޮތް ހަސަދައެއް ފިލުވައިލަނީހެން ހީވާވަރަށް ހުންނަނީ އިދިކޮޅަށް ގޮސް ހުސްވެފައެވެ. ނޫނީ އެރޮނގުން ވެސް މަޝްހޫރުކަން ހޯދަން ބޭނުންވަނީ ކަމަށްވެދާނެއެވެ.

މިހެން ދަންނަވާއިރު މަނިކުފާނުފަދަ ފުންނާބުއުސްު ގާނޫނީ ވަކީލަކު ވިދާޅުވެދާނެއެވެ. ރަނގަޅު އެއްވެސް ކަމެއް ނުކުރަންޏާ ދެން ދެން ދެއްކޭނީ މުޅިންވެސް ގޯސް ވާހަކައެއް ނޫންހެއްޔެވެ؟ ޖަވާބުގައި އަލުގަނޑުވެސް ކޮށްލާނީ ސުއާލެކެވެ. ރަނގަޅު އެއްވެސް ކަމެއް ނުކުރެވޭތޯއެވެ ؟ އާއެކޭ ވިދާޅުވިނަމަ ތިޔަ ހެއްދެވީ ބޮޑުވެގެންވާ އިތުރުފުޅެކެވެ. މާދުރަށް ދިއުމުގެ ބޭނުމެއް ނެތެވެ. މަނިކުފާނުގެ ރަށަށް ހަމައެކަނި ބަލާލިޔަސް ފުދެއެވެ. މަނިކުފާނު ތިޔަ ވިދާޅުވާ ގައުމީ ތަރައްގީގެ ރޭވުމެއްނެތްނަމަ ނުވަތަ ސަރުކާރުން ބިރު ދައްކައިގެން ހުޅުމާލެއަށް ބަދަލުކުރަން ބޭނުންވާނަމަ ހަމައެކަނި މަނިކުފާނުގެ އުފަން ރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މިލިއަން މިލިއަންރުފިޔާގެ މަސައްކަތްތަކަށް ވިސްނާލެއްވުން އައުލާކަން ބޮޑުވެގެން ވެއެވެ.

ކެންދޫގައި ބޮޑުހިލަޖަހައިގެން ކަނޑު ތޮށްޓާ އެއްގަމު ތޮށިލުމާ ރަށުކޯޓު އިމާރާތް ކުރުމުގެ މަސައް ފަށައިގެން ކުރިއަށްދަނީއެވެ. ނަރުދަމާގެ ސާވޭނިމި މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ. ސްކޫލް އިމާރާތް ބޮޑުކުރުން އޮތީ ކުރިމަތީގައެވެ. ދެން އެންމެ އަވަހަށް ފެށޭނީ އެމަސައްކަތެވެ. ސިއްހީމަރުކަޒުގެ ޕޯޓިކޯ ބޮޑުކުރުމާއެކު އެތަނަށް ވަދެނުކުމެ އުޅޭ ސަރަހައްދުގައި ގާޖެހުމުގެ މަސައްކަތްވެސް މިހާރުއޮތީ ބިޑްގެ ކަންތައް ނިމި އިވެލުއޭޝަންގައެވެ. ފުޓްސަލްދަނޑު އަޅަން ފެށުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީއެއް އޮތީ ވެ ނިމިފައެވެ.

ދެން އޮތް ކުޑަރިކިލާ ކަމަދޫއާއި ކިހާދޫ އަދި ދަރަވަންދޫގައިވެސް ރައްޔިތުންނަށް މީންޒަމާނަކުވެސް ނުކޮށްދޭހާ ގިނަކަންތައްތަކެއް ކޮށްދެއްވަމުން އެބަގެންދަވައެވެ.  މިއި ރާއްޖޭގެ ނިސްބަތުން އެންމެ ކުޑަ އާބާދީއެއް އޮތް ރަށްރަށެވެ.

ކެންދޫ ކަހަލަ ކުދިކުދި ރަށްރަށް އެ ޑިވެލޮޕްކުރަނީ ސަރުކާރުގައި ތަރައްގީގެ ވިސްނުން ނުވަތަ ޑިވެލޮޕްމަންޓް ޕްލޭނެއް އޮތީމައެވެ. މި ހަގީގަތާ ކުރިމަތިލައްވަން މަނިކުފާނު ބޭނުންފުޅު ނުވިޔަސް ހަގީގަތަކީ މިއެވެ.

އެމްޕީ އަލީހުސޭންއެވެ. އަޅުގަނޑުމެންނަކީ މަނިކުފާނު ފަދަ އިލްމީގޮތުން ފާސްތަކެއްލިބިފައިވަ ބައެއް ނޫނެވެ. އެކަމަކު މަދަރުސާއެއްގެ ވަށާފާރުކައިރިން ނަމަވެސް ހިނގާފައިވާ ބަޔަކަށްވާތީ ތަނެއްދޮރެއްނުދަންނަ ބައެކޭ ހީކޮށްގެން ނުވާނެއެވެ. ބުނާހާ އެއްޗަކަށް އާނ ކިޔައިގެން އެކަން ގަބޫލުކުރާނީ އެހެން ނަމަތާއެވެ. ގޭގައި ޓީވީއެއް ބަހައްޓައިގެން މިއުޅެނީ އެއިން އަންނަ ހިންދީ ޑްރާމާ ތައް ބަލާކަށް ނޫނެވެ. ބޭނުމަކީ ރާއްޖޭގައި ކަންހިނގާ ނުހިގާ ގޮތާއި ޚަބަރާ މައުލޫމާތު އިތުރުކުރުމެވެ. ހުރިހާ މީހުން ދައްކާވާހަކަވެސް އަޑުއަހައިގެން އެތަނުން ތެދަށް ބުރަވުމަށެވެ. އެކަމަކު ނުވިސްނިގެން މި އުޅެނީ ސަރުކާރުން ކުދިރަށްރަށުގެ ރައްޔިތުންނަށް ބިރުދައްކައިކައިގެން ހުޅުމާލެއަށް ބަދަލުވާން މަޖްބޫރު ނުކުރެވޭނެ ވާހަކައާއި އެކަމަށް ބިރުނުދެއްކޭނެ ވާހަކަ އަލީ ވިދާޅުވުމުން އެވާހަކަ ދައްކަންޖެހުނު ސަބަބެކެވެ.

އަލީ އަޅެ ވިދާޅުވެބައްލަވާށެވެ. މިސަރުކާރުން އެފަދަ ބިރެއް ކުދިރަށްރަށުގެ މީހުންނަށް ދެއްކީ ކޮން އިރަކުތޯއެވެ. އެފަދަ މަޖްބޫރެއްކުރީ ކާކު ކީކޭކިޔާފަތޯއެވެ. ކޮންމެ ސަރުކާރެއްގެ ވެސް ސިޔާސަތަކަށް ވެފައި އޮންނަނީ އެއްފަސްކުރުމެވެ. އެއީ ކޮންމެ ގޮތަކުން ބެލިޔަސް ކުދި ރަށްތަކުގެ މީހުންނަށް އޮތް ރަނގަޅު ފުރުސަތެކެވެ. ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތްކުރީ އެކަން ކޮށްދެވޭތޯއެވެ. ކޮންމެވެސް ސަބަބުތަކަކާހުރެ އެކަން ނުކުރެވި ދިގުލަމުން ދަނީއެވެ. މީގެ އިތުރުން ސަރުކާރުން ކުދި ރަށްތަކުގެ މީހުން ހުޅުމާލެއަށް ބަދަލުވުމަށް އެދިވަޑައިގަތުމަކީ އެރަށްރަށުގެ މީހުންނަށް ތަނަވަސް ފުރުސަތު ތަކެއް ހޯދައިދިނުމުގެ ނިޔަތުގައި ކުރައްވާ ކަމެއް ނޫންތޯއެވެ. މިކަންވެސް ބޮޑަށް އެގި ވަޑައިގަންނަވާނީ އެމްޕީ އަލީއަށެވެ. އެކަމަކު އަޅުގަނޑުމެން މޮށިއުޅޭ ދިވެހިބަހުގައި އެއީ ތަފާތު ދެކަމެކެވެ.

ކޮންމެއަކަސް އަޅުގަނޑުމެންގެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ހަގީގަތާ ދުރު ވާހަކަތަކެއް ދައްކަވައިގެން އަޅުގަނޑުމެންގެ ނިޔަތް ގޯސްކޮށްލަން މަސައްކަތް ކުރެއްވީތީވެ ވަރަށްދެރަވެއްޖެއެވެ. ނިންމާލަމުން ދަންނަވާލަން ބޭނުންވަނީ އެމްޕީ އަލީ އާއި ސަރުކާރާ ދެމެދު އޮތް ރުޅިވެރިކަމާ ދެމެދަށް ދާއިރާގެ ރައްޔިތުން ބޭނުން ނުކުރައްވާށެވެ. ދާއިރާގެ ރައްޔިތުންނާއި އެމްޕީއަލީއާ ދެމެދު އޮތީ އެހާ ގާތްގުޅުމެއް ނޫނެވެ. މިގުޅުން ދުވަހުން ދުވަހަށް ދަނީ ހީނަރުވަމުންކަން މިއަދު ގަބޫލުކުރާ ހިތްނުވިޔަސް ދެންވެސް އިންތިޚާބު ކައިރިވީމާ އަޅުގަނޑުމެންނާ ހަމައަށް ވަޑައިގަންނަވާކަށް ޖެހިލުމެއްވެސް ނުވާނަން ދޮގެއްތޯއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު