ބ.ދަރަވަންދޫ އާއި ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ އީއައިއޭ ރިޕޯޓް ނުލިބޭތީކަމަށް އެމްޓިސީސީން ބުނެފިއެވެ.
އެމަސައްކަތުގެ ކޮންޓެކްޓަރު، އެމްޓީސީސީން ބުނީ ދަރަވަންދޫ އާއި ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަދަންޖެހޭ ސާވޭގެ ބައެއް މަސައްކަތް ނިމިފައިވާ ކަމަށާއި ދަރަވަންދޫގެ މެރިން ސާވޭ އާއި ޓެރެސްޓްރިއަލް ސާވޭ ނިިމިފައިވާއިރު، ކެންދޫގެ މެރިން ސާވޭގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާކަމަށެވެ.
ދަރަވަންދޫ އާއި ކެންދޫއަކީވެސް ރަށް ގިރުމުގެ މައްސަލަތައްވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދެ ރަށް ކަމަށްވެފައި ދަރަވަންދޫ އުތުރު ފަރާތަކީ ގެސްޓް ހައުސް ވިޔަފާރިކުރުމަށް ދޫކޮށްފައި އޮންނަ ސަރަހައްދެކެވެ. އަދި އެއީ ދަރަވަންދޫގެ އެންމެ ހިތްގައިމު ގޮނޑުދޮށް އޮންނަ ސަރަހައްދުވެސްމެއެވެ. ހިމާޔަތްކުރަން ކަނޑައެޅިފައި ވަނީ މިސަރަހައްދެވެ.
މިމަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށް، އަމަލީ މަސައްކަތް ފެށުމަށް ހަދަންޖެހޭ ސާވޭތަކުގެ ތެރެއިން މި ރަށުގައި ނުނިމެނީ ހަމައެކަނި އީއައިއޭކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ކެންދުއަކީ ވެސް ރަށް ގިރުމުގެ މައްސަލަ މެދުވެރިވެފައިވާ ރަށަކަށް ވާތީ ރަށުގެ ވަށައިގެން ބޮޑުބައެއް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
މޫސޫމީ ބަދަލުތަކާއެކު ކެންދޫ ވަށައިގެން ގިރަަމުންދާއިރު، ހުޅަނގު މޫސުމުގައި ރަށުގެ އުތުރު ފަރާތުގައި ހުންނަ ގެތަކަށް ލޮނުގެ އަސަރުކޮށް އުދަ އަރާ ދުވަސްތަކުގައި އެސަރަހައްދުން އެއްގަމަށް ލޮނު އަރާކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްރަޙްމާން ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަދަންޖެހޭ ސާވޭ ތަކުގެ ތެރެއިން އީއައިއޭގެ މަސައްކަތް ނިމުމުން އެ މަސައްކަތް ފަށާނެކަމަށެވެ.