ރައްޔިތުން އަތަށް ބާރުލިބި، އެއްބަސްވުންތައް ތިލަވެ އާންމުވާ ދުވަސް ދާދި ގާތްވެއްޖެކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާގް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެ އެވެ.
ހިސްޓޯ މިހެން ވިދާޅުވީ ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހަރަކާތްތެރިނުވާކަމަށް ޑިފެންސް މިނިސްޓްރީން ބަޔާނެއް ނެރުމާއި ގުޅިގެންނެވެ.
މިކަމާގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނަށް ރައްދުދެއްވައި ހިސްޓޯ ވިދާޅުވިއެވެ.
”ހުރަގެ ކަމަނާ އަށް އެބަ އިންތިޒާރު ކުރެއެވެ. ފިނދަނައަކަސް ބޮނޑަނައަކަސް އިންސާފު އަރާހަމަކުރާނެކަން ދަންނައްޗެވެ.“
ހިސްޓޯ މިހެން ވިދާޅުވެފައިވާއިރު، ރޭ ޑިފެންސް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް ޢަމާޒުކޮށް، ފަރުމާކޮށްފައިވާ ތަނެއްކަމަށެވެ. އަދި އެ ބަނދަރަކީ ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ތަރައްގީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށާއި، އެއީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ޑިފެންސްގެ ބަޔާނުގައި ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ނުވަތަ އެ ބަނދަރަށް ވަންނަން ރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާފައިވާ ވާހަތަކެއްކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރަށް އުތުރު ތިލަފަޅުގައި ތަރައްގީކުރާ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނޭކަމުގެ ޔަގީންގަން ޑިފެންސް މިނިސްްޓްރީން ވަނީ ދީފައެވެ.
މި ބަޔާނުގައި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އެ މިނިސްޓްރީން ކަށަވަރުކޮށްދީފައި ވެއެވެ.
ރައީސް ޔާމީން މިދިޔަ ހުކުރު ދުވަހު މަހިބަދޫގައި އޮތް ”އިންޑިއާ އައުޓް” ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތައް ވަރަށް ނުރައްކާ ކަމަށް ވިދާޅުވެ ކުރިން ހާމަ ނުކުރައްވާ ބައެއް މައުލޫމާތުތަކެއް ހާމަ ކުރައްވާފައެވެ. ވިދާޅުވީ ރާއްޖެ-އިންޑިއާ އިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި މިހާރު ރާއްޖެ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ. ދިވެހި ސަރުކާރަށް ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
އަދި އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.