ގުރަހަ އެވޯޑްގެ ”ގުރަހައިގެ ތަރި“

DSCN1503.jpg

”ތަރިރުހަނދުވަރު ދޭ ރެއެއްގައި ހޭލެވޭ މެންދަމު ފަހުން“ އުޑުމަތި ބަލައިލިން ހެއްޔެވެ؟ ފުރަތަމަ ނަޒަރުވެސް ގޮސް ހުއްޓޭނީ ތަރިތަކުގެ ދަރުބާރުގައި ރަނިކަން ކުރަން އިންނަ ގުރަހައިގެ ތަރި އަށެވެ. އުޑުމަތި ބަނަ ރެއެއް ނަމަ އެ ގުރަހައިގެ ވިދުން ފެންނާނީ ފުސް ވިލާގަނޑެއްގެ ތެރެއިން ފުސްކޮށެވެ.

އޭދަފުށީ އަންހެނުންގެ ކޮމެޓީން އަލަށް ތައާރަފްކުރި ގުރަހަ އެވޯޑް ލިބުނު ގުރަހައިގެ ތަރި ވެސް އެރޭ ފެނުނީ އެކަހަލަ ގޮތަކަށެވެ. އުފަލެއްނެތް ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވިފައިވާ ވާހަކަތަކެއްގެ ތަރުޖަމާ އެއްގެ ގޮތަށެވެ. ކާމިޔާބަށްވުރެ ނާކާމިޔާބީގެ ހިތިކަން އެ ދިރިއުޅުމަށް އަތްގަދަކޮށްފައިވާ މަންޒަރެވެ. އުފަލަށްވުރެ ބޮޑަށް ހިތާމަ އެދިރިއުޅުމާ ރައްޓެހި ކަމެވެ. އަޅާނުލާށެވެ. ދެކޭ މީހުންނަށް އެ ފެންނަނީ ހިތުގައި އަނދަމުންދާ ގިނި ފޮރުވައިގެން އެހެން މީހުންނަށް ޓަކާ ހިނިތުން ވެގެން އިން ތަނެވެ. އެކަމަކު ހަޔާތުގެ ދުރު ރާސްތާ އެނބުރެމުން ސެނބުރެމުން އައިސް އޭގެ މަންޒިލް ކައިރިވަމުން ދާ ކަމުގެ އެލާމް، އުމުރުގެ އަޑުން އަޅަމުން ދާކަން އެނގޭއިރު ބަދަލުނުވެ ހުރީ އެ ހިނިތުންވުމެވެ. އުމުރުގެ އަނިޔާއިން މޫނުގައި އިތުރުވަމުން އަންނަ ރޫތައް މި ހިނިތުންވުމާއި އޯގާތެރިކަން ސިއްރު ކުރުމަށް ބޭކާރު މަސައްކަތްތަކެއް ކުރަމުން ދިޔަނަމަވެސް އޭނާ ފެންނަނީ އުމުރަށް ވުރެ ޒުވާންކޮށެވެ.

އެއީ އޭދަފުށީ ރޯޝަނީގޭ އާރިފާ ޔޫސުފެވެ. އޭދަފުށީ ޔޫސުފްކަލޭފާނުގެ ދަރިކަނބަލެކެވެ. ތަފާތު އަންހެނެކެވެ. ކަލޭފާނެއްގެ ދަރިކަނބަލަކަށް ވެގެން ނޫނެވެ. ބައްޕަގެ ޝާނާއި ޝައުކަތުގެ ބާރު ގަދަ ދުވަސްވަރު އެއީ ޓީން އޭޖްގެ ކުއްޖެކެވެ. އެހެން ވިޔަސް، މުސްތަގްބަލް ކުރަހާފައިވަނީ އާދައިގެ އަންހެނެއްގެ ގޮތުގައެވެ. މިންތީގެ ހަމަހަމަކަމެއް ނެތް ދުވަސްވަރެއްގައި ޒުވާންކަމާ ކުރިމަތިލީއިރު އަތޮޅުވެރިންގެ ދަރިއަކަށްވުމީ އެޑްވާންޓޭޖެކެވެ. އެހެން ވިޔަސް ތައުލީމާއި ވިސްނުން އާދައިގެ އަންހެނަކަށްވުރެ އުހުގައި ހުރުމަކީ މަގްސަދާ ހަމައަށް ދިއުމަށް އޮތް ދިގުމަގު ކުރުވެގެން ދިޔަކަމެކެވެ.

އަންހެނުންނަކީ އަމިއްލަ ބާރެއް އުމުރުގެ އެއްވެސް ދައުރެއްގައި ނެތް ބައެއްކަމުގެ ފުރަތަމަ އިހްސާސް ވީ އޭނާ ބޭނުން ވަރަކަށް ކިޔެވުމުގެ ފުރުސަތު ނުލިބި އަމީނިއްޔާ ސްކޫލުން ވަކިވެ ރަށަށް އަންނަން ޖެހުމުންނެވެ. އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތަށް ނުކުތީ އެހިތާމައިގާ އުޅުއްވަމުންނެވެ.

އާރިފާ، އާއިލާގެ ބައެއް މެންބަރުންނާއެކު

”އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތަށް އަޅުގަނޑު ނުކުތީ ރައީސް ނާސިރުގެ ވެރިކަމުގެ ފަހުކޮޅު. އުމުރުން ވާނީ 25 އަހަރު. މި މުޖްތަމައުގައި އަންހެނުންގެ ދައުރަކީ ދަރިން ބެލުމާއި ފިރިމީހާއަށް ޚިދުމަތް ކޮށްދިނުން އެކަނި ކަމަށް ގަބޫލު ކުރެވިފައި އޮތް ދުވަސްވަރެއްގައި. އަންހެނަކަށް ވީތީ ވަކިވަރަކަށް ކިޔެވުމަށް ފަހު ”އެއަށްވުރެ ބޮޑަށް ކިޔެވުމަކީ ބޭނުންކަމެއް ނޫންކަމުގެ ބޯދާ ވިސްނުން އޭރު އޮތީ.“އާރިފާ ވިދާޅުވިއެވެ.

އަންހެނުންގެ ހައްގުތަކާއި އަންހެނުންނާ މެދު ދެކެމުން އައި ނިކަމެތި ގޮތް ބަދަލުކޮށްލުމަށް ކަނޑައެޅި އަޒުމް، އޭދަފުށީ އަންހެނުން ކޮމެޓީގެ މެންބަރަކަށް އިންތިހާބު ވުމާއެކު ފަސޭހަވެގެން ދިޔައެވެ.

ފުރަތަމަ އިމްތިހާނަކީ 1978 ވަނަ އަހަރު ރިޔާސީ އިންތިހާބު ރައީސް މައުމޫން ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބ.އަތޮޅުން މާލެއަށް ދިޔަ ވަފްދުގައި ހިމެނުމެވެ. މި ރަސްމިއްޔާތުގައި ބ.އަތޮޅު ރައްޔިތުންގެ އަޑު ނުވަތަ ރައްޔިތުންގެ ފަރާތުން ތައްޔާރު ކޮށްފައިވާ ރިޕޯޓު ހުށަހަޅައިދިނީ އާރިފާއެވެ. އާއެކެވެ. ފުރަތަމަ އިމްތިހާނުންވެސް އޭ ޕްލަސް އެކެވެ.

އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތް ފުރަތަމަ ފެށީ ގޭތެރެއިންނެވެ. މަންމައާއި ދޮންތައަކީ ދިވެހި ކެއުންތައް މީރުކޮށް ކައްކަން އެނގޭ ބަޔަކަށް ވާތީ އޭނާ ހުރީ އެކަން ދަސްކޮށްގެންނެވެ. އެފަންނުގެ އެންމެ އުސް ކުންނާ ހަމައަށް އޭދަފުށީ އަންހެނުން ގެންދިއުމަށް އެޑްވާންސް ކޯހެއްވެސް ހިންގެވި އެވެ. މާލޭގެ މަޝްހޫރު ”ނަޝީ ކޭކްސް”ގެ ނަޝީދާ ގެނެސް ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ހިންގެވީ ގޭގެ ގޯތިތެރޭގައި އާއިލާ އަރާމު ކުރަން ހުރި ބޮޑު އުދޯލި ނަގައިގެން އެތަނުގައި މޭޒު ޖަހައިގެންނެވެ.

ފެހުމާއި މާޖެހުމުގެ ފަންނުގައިވެސް އާރިފާއަކީ އޭދަފުށީގެ އެއްވަނައެވެ. އެ ދެ ފަންނު ވެސް  އޭދަފުށީގެ ކަނބަލުންނަށް ދަސްކޮށް ދެއްވިއެވެ. އޭނައަށްވުރެ ރީތިކޮށް އޭދަފުށީގެ އަންހެނުންނަށް ފަހަން ދަސްކޮށްދިނުމުގެ ގޮތުން މާލޭގެ މަޝްހޫރު އާސިމާ، ރަށަށް ގެންނަވައިގެން އެތައް ކަނބަލުންނަށް ފަހަން ދަސްކޮށްދެއްވި އެވެ.

1990 ގެ އަހަރުތަކުގެ ކުރީކޮޅު އަތޮޅުތައް ތަރައްގީ ކުރުމަށް އުފެއްދި ކޮމެޓީ ތަކުގެ ތެރެއިން ބ.އަތޮޅު ކޮމެޓީގެ މެންބަރެއްގެ މަގާމު ލިބުނެވެ. ޒިންމާ ބޮޑުވި ނަމަވެސް މަންޒިލާ ހަމައަށް ދިއުމަށް ލިބުނު މިފުރުސަތުގެ ބޭނުން ހިއްޕެވި އެވެ. އަންހެނަކަށްވެ ހުރެ ކުރެވޭނެ ކަމެއް ނޫން ކަމަށާ މަލާމާތާއި ފުރައްސާރަަ ރައްދުވިޔަސް އެއީ އަލަށް މިކަމަށް ނުކުންނަ ކޮންމެ އަންހެނަކަށްވެސް ދިމާވާނެކަމެއްކަން އެނގޭތީވެ އެއީ މައްސަލައަކަށް ނުވިއެވެ. ބ.އަތޮޅުގެ އިތުރުން ރ. އަދި ނ. އަތޮޅުގެ ރަށްރަށަށް އާދައިގެ ދޯނި ފަހަރުގައި ދަތުރުކުރައްވައި އެކަނބަލުން އެހެން މީހުންނަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭނެ މަގު ދެއްކެވި އެވެ. ވަސީލަތްތައް ތަނަވަސް ކޮށްދެއްވައި ފަންނީ ލަފާގެ އިތުރުން ބޭނުންވާ ތަކެތިވެސް ހޯއްދަވައި ދެއްވި އެެވެ. ވަކިވަކިން ގޭގެއަށް ޒިޔާރަތްކޮށް ކޮންމެ އަންހެނެއްގެ އަޑު ވަކިން އައްސަވައިގެންނެވެ.

މިގޮތުން އަތްތެރި މަސައްކަތުގެ ގައުމީ މަރުކަޒުތަކުގައި އަންހެނުން ބައިވެރި ކުރުވުމާއި އެކަނބަލުންގެ އުފެއްދުންތައް ހިމެނުއްވި އެވެ. ބ. އަތޮޅަކީ ރާއްޖޭގެ އަތްތެރި މަސައްކަތުގެ މައުރަޒުގެ ތަށި ގެނައުމަށް ފަރިތަ، އަދި އެހެން އަތޮޅަކަށް ނާދެވޭހައި ދުރަށް ބ.އަތޮޅު ކުރިއަރައިގެން ދިޔައީ ފިރިހެނުންނާއި އެއްވަރަށް އަންހެނުންވެސް ބައިވެރިވެގެންނެވެ.

”އަރައި ފޭބޭނެ ފާލަމެއް ނުހުންނަ ރަށްރަށް ގިނައީ. އެއީ މައްސަލައަކަށް ނުވޭ. އެއަށްވުރެ ބޮޑަށް މަސައްކަތަށް ފޯކަސް ވެފައި އޮންނާތީ.“ އޭރުގެ ހާލަތު އާރިފާ ސިފަކޮށްދެއްވި އެވެ.

އެކަމަކު އަތްތެރި މަސައަކަތުގެ މައުރަޒުގައި އަންހެނުންގެ މޮޅު އުފެއްދުންތައް އިތުރު ކުރެވި އެކަނބަލުންނަށް އާމްދަނީ ލިބޭނެ އިތުރު މަގު ތަކެއް ފަހިވެގެން ދިޔައިރު މިކަމުގައިވެސް އާރިފާކުރެއްވި މަސައްކަތް ފާހަގަ ކުރަން ޖެހެއެވެ.

އޭނާވެސް ބައިވެރިވުމާއެކު މައުރަޒުގައި ބައިވެރި ކުރި ތަކެތީގެ ތެރެއިން މުޅި ރާއްޖެއިން މައުރޒވި ތަކގެން ދިޔައީ މި ދަތުރުތަކުގައި އާރިފާ ކުރެއްވި މަސައްކަތުންނެވެ.

”މައުރަޒުގައި، ބޭނުމެއް ނެތް އުލާކެވޭ ތަކެތިން ތަކެތި ތައްޔާރު ކުރުމުގެ ބައިން ފެންފައިވާނުން އަޅުގަނޑު ތައްޔާރު ކުރި މާޓުކުރި އަކަށް މުޅި މައުރަޒުން ތިންވަނަ ލިބުނު. އަދި ކުޅޭ އެއްޗެތި ހެދުމުގެ ބައިން، ފޮލާލީނު ފޮތިން ހެދި މުސަޅަކަށްވެސް މުޅި މައުރަޒުން ތިންވަނަ ލިބުނު“

އޭދަފުށީ އަންހެނުންގެ ކޮމިޓީއަކީ ރައްޔިތުންނަށް ބޭނުންތެރި ކަންތައްތަކެއް ކޮށްދެމުން ގެންދާ ކޮމެޓީއަކަށް ހެއްދެވުމުގައި ވެސް އާރިފާ ކާމިޔާބު ހޯއްދެވިއެވެ. ބައިވަރު ހުރަސް ތަކަކާވެސް އެކުގައެވެ.

”ކޮމެޓީގައި މަސައްކަތްކުރަން ފެށިއިރު ކޮމިޓީގެ ދައުރަކީ ކޮބައިކަމެއް ނޭނގެ. މެންޑޭޓެއް ގަވާއިދެއް އުސޫލެއް ނެތް.“

އާރިފާ ވިދާޅުވި ގޮތުގައި އޭރު އެނގިފައި އޮތީ އަންހެނުން ކޮމެޓީއަކީ ރަށު އޮފީހަށް އެހީތެރިވާން އޮންނަ ކޮމެޓީއެއް ކަމަށެވެ. ކަން ހިނގަމުން ދިޔައީވެސް އެހެންނެވެ.

”އަންގަވާާފާނެ. ކޮންމެ ފަދަ ކަމެއްވެސް. އެއީ އަންހެނުންނާ ސީދާ ގުޅުމެއް ނެތް ކަންތައްތަކެއް ކުރުމަށް ގޭގެއަށް ދާން.“

މެންދުރު ގަދައަވީގައި ކަމަށް ވިޔަސް މެންބަރުންނަށް ޖެހެނީ އެންގެވި ގޮތަށް އެކަމެއް ކުރާށެވެ. ކޮމެޓީ އުފެދިފައިވަނީ މިފަދަ ކަންތައްތައް ކުރަން ނޫންކަން އެނގޭއިރުވެސް މެއެވެ. އެކަމަކު އަންހެނުންގެ ތަރައްގީއާ ގުޅުމެއް ނެތް ކަންކަމުގައި ވަގުތުތަކެއް ބޭކާރު ވެގެން ދާކަމުގެ ހިތްހަމަ ނުޖެހުން އޮވެ އެވެ. އެހެންވެގެން ދެން ޖެހުނީ އަމިއްލަ އެޖެންޑާއެއް ގެންގުޅޭށެވެ. އެއީ އަންހެނުންނަށް މަސައްކަތްތެރިކަމުގެ ހުނަރާއި އާމްދަނީ އިތުރު ކުރެވޭނެ މަގު ޗާޓެކެވެ.

”އަންހެނުންގެ ކޮމިޓީއަށް ސަރުކާރުން އެއްވެސް އާމްދަނީއެއް ނުދޭއިރު އެއީ މަސައްކަތަށް ސްޕީޑް ނުލިބުނު އެއް ސަބަބު. އެހެންވެ އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ކަންތައްތަކެއް ކުރަން ރާވައި އެކަންކަން ތަންފީޒުކުރީ ކޮމެޓީގެ މެންބަރުންގެ އަތުން ޗަންދާ ނަގައިގެން. އެކަމަކު އެއީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރެވިގެން ދެން ބެލީ އާމްދަނީ ލިބޭނެ މަގުތައް ހޯދަން.“

ފުރަތަމަ ފެށީ ކޮމެޓީގެ އެންމެން ގުޅިގެން ހެދިކާ ހަދައިގެން ވިއްކާށެވެ. އިތުރު މަގުތައް ހޯދުމަށް ކުރި މަސައްކަތުން ސޮނެވާފުށި ކުނިކެހުމާއި އިތުރު އެހެން ހަރަކާތްތައް ހިންގައިގެން ކޮމެޓީއަށް ތިޔާގިކަން ހޯއްދަވައިދެއްވި އެވެ. އެ ފައިސާއިން ސްކޫލްގައި މާލީގޮތުން ދަށް ދަރިވަރުންނަށް ޔުނިފޯމާއި ފޮތް ފަންސުރު އަދި ބޫޓުފަދަ ތަކެތި ހޯދައިދިނުމުން ކޮމެޓީގެ އަގު ރައްޔިތުންނަށް ވަޒަން ކުރެވުނެވެ.

”ބ.އަތޮޅު ތައުލީމީ މަރުކަޒުގައި އެހެރަ ދެބުރި އިމާރާތް ރޭނުމަށް ބޭނުންވާ ހުރިހާ ވެލި ގެނެސް ދީފައިވާނީ އަންހެނުންގެ ކޮމެޓީގެ ހީވާގި މެންބަރުން. އެއީ އަންހެނެއްގެ ގޮތުން އަދި އޭދަފުށީ އަންހެނުންގެ ކޮމެޓީގެ ވެރިއަކަށް ވީތީ ފަހުރުވެރި ވާކަމެއް.“ އާރިފާ ފާހަގަ ކުރެއްވި އެވެ.

ހަމައެގޮތަށް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ނައިބު ރައީސްގެ މަގާމުގައި ހުރެގެން ސްކޫލް ކުދިންނަށް ތިނޯހުގެ މަސައްކަތާއި ސްކޫލް ލައިބްރަރީ އުފެއްދުމުގެ ގޮތުން ކުރެއްވި މަސައްކަތް އޭނާ ފާހަގަ ކުރެއްވި އެވެ.

ހޯއްދަަވައި ދެއްވި ފޮތްތަކުގެ ސީދާ އަދަދު ބުނަން ނޭގުނަސް އާރިފާ ވިދާޅުވި ގޮތުގައި ބައިވަރު ފޮތް ހޯއްދަވައިދެއްވިއެވެ.

ޒަމާނުއްސުރެ އޮންނަ އާދައަކީ ސަރުކާރުގެ ވެރިން ރަށްރަށަށް ވަޑައިގަތުމުން އެބޭފުޅުންނަށް ފަރިއްކޮޅު އެރުވުމަކީ އެރަށެއްގެ ވެރިން ކުރައްވަން ޖެހޭ ކަމެއްގެ ގޮތުގައެވެ. އެބޮޑު މަސްއޫލިއްޔަތު މި ހަވާލު ކުރަނީ އަންހެނުންގެ ކޮމެޓީ އަށެވެ. މި ނުބައި އާދަ ނައްތާލައްވައި އެކަމަކީ އަގަށް ކުރާ ކަމެއްގެ ގޮތަށް ބަދަލު ކޮށްލެއްވީ އާރިފާ އެވެ.

އެކަން ހިނގާދިޔަގޮތް އާރިފާ ކިޔައިދެއްވިއެވެ. ”ކާސިން ކަލޭފާނުގެ އަތޮޅުވެރިކަމުގައި ސަރުކާރުން އިންތިޒާމު ކޮށްގެން އޭދަފުށީގައި އޮތް ބައްދަލުވުމަކަށް މާލެއިންނާއި އެކި އަތޮޅުތަކުން ވަޑައިގެންނެވި ބޭފުޅުންނަށް މިފަދަ ކެއުން ގަނޑެއް ތައްޔާރުކުރަން ޖެހުނީ. ރަށްކުރިއަރުވާ ކޮމެޓީއާއި އަންހެނުންގެ ކޮމެޓީއާއި ރަށުގެ ވެރިންނާއި އަތޮޅުވެރިޔާ ބައިވެރިވި ޖަލްސާއެއްގައި އެކަން އެގޮތަށް ނުވާނެ ކަމުގައި ފާޅުގައި އަޅުގަނޑަށް ދަންނަވަން ކެރުނީ އެއީ އަންހެނުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް ދެކިގެން.“

އެވާހަކަ ދެންނެވުމުން އޭނާއަށް ނުރުހުން އަމާޒުވިއެވެ. ކޮމިޓީގެ ރައީސާއަކަށް ހުންނަވައިގެން ވިދާޅުވާކަށް ނުވާނެއޭ ބައިވެރިއަކު ވިދާޅުވެސް ވިއެެވެ. ނަމަވެސް އެވާހަކަ ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ ދަރިންނަށް ކައްކައި ކާންދޭނެ މީހަކު ނުހުރެ. އެކަމަކު މިތަނަށް އައިސް މިހުންނަނީ ބޭފުޅުންނަށް ނުލާހިކު މީރުކޮށް ފަރިއްކޮޅު އަރުވާފަ. އެހެންވީމާ އަޅުގަނޑަކަށް ތިކަމެއް ނުވާނެ.”

އޭގެ ފަހުން އެގޮތަށް ކައްކަން ޖެހޭ ކޮންމެ ކެއްކުމަކަށް ރަނގޅު އުޖޫރައެއް ހަމަޖެހިގެން ދިޔައެވެ. ކޮމެޓީއަށް ފައިސާ ލިބޭނެ އާ ދޮރެއް ހުޅުވިގެން ދިޔައީއެވެ. އާރިފާގެ ކެރުމާއި ހިތްވަރުންނެވެ.

އަރާމެއްނެތި މުރާލިކަމާއެކު މުޅިދުވަސް ފުލްކޮށް އުޅުމަކީ އަންހެނުންގެ ތަބީއަތުގައި ހުންނަ ރީތި ސިފައެކެވެ. އެހެންނަމަވެސް ނޮން ސްޓޮޕްގައި ހިންގާ އިންޖީނެއްހެން އަބަދު މަސައްކަތުގައި އުޅުމަކީ އެކަން އޮންނަންޖެހޭނެ ގޮތްކަމަށް އާރިފާ ގަބޫލެއް ނުކުރައްވަ އެވެ. އެހެންވެ އާރިފާވަނީ އަންހެނުން ދަތުރު ދިއުމާއި މުނިފޫހި ފިލުވުމުގެ ދާއިރާއަށްވެސް ނެރެދެއްވާފައެވެ.

”ބ.އަތޮޅު ހޮސްޕިޓަލަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މަރުހޫމް ކޮޕީ ރަޝީދުގެ އަތޮޅު ވެރިކަމުގައި ތަމްސީލު ޝޯއެއް ކުޅުނީ އަޅުގަނޑާއި އިތުރު އަންހެނުން ބައިވެރިވެ ފިރިހެން ކެރެކްޓަރުންގެ ބައިވެސް އަޅުގަނޑުމެން ކުޅުނީ.“

އާރިފާ ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރަމުން ގެންދިޔައީ ގައުމީ ކަމެއްގެ ގޮތުގައި ރަށު ލޯބީގައި އާއިލާއަށް ވުރެ ކޮމެޓީއަށް ގިނަ ވަގުތު ދީގެންނެވެ. އެކަމަކު އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްތަކެއްް ކޮށްދެއްވާފައިވާ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭ ނަމަ އޭނާއާއި އެއްވަރަށް އޭނާއާއެކު އަންހެނުން ކޮމެޓީގައި މަސައްކަތް ކުރެއްވި އެންމެހައި ކަނބަލުންނަށް އެކްރެޑިޓް ދިނުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top